ދައުލަތަށް ދައްކަންޖެހޭ ރިސޯޓު ކުލި ނުދައްކާ 12 ރިސޯޓެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފިއެވެ.
ނޭމް އެންޑް ޝޭމްގެ ނަމުގައި ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ޓެކްސް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތާއެކު މީރާއިން ނެރޭ މިލިސްޓްގައި ހިމެނޭ 12 ރިސޯޓުން މިހާތަނަށް 665 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް މީރާއިން ވަނީ ބުނެފައެވެ.
މިއީ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ޓެކްސްޕޭޔާ ސާވިސް ސެންޓަރުގައި އާންމުކުރި ފުރަތަމަ ފަހަރެވެ. އެ ސެންޓަރުގައި ނޭމް އެންޑް ޝޭމް ލިސްޓު އިއްޔެ އާންމުކުރަން ފެށީ މަގަށް ފެންނަ ގޮތަށް ބަހައްޓާފައި ހުންނަ ޓީވީ މެދުވެރިކޮށް ނަމަވެސް ކުރިން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރަމުން އައީ މީރާގެ ވެބްސައިޓާއި ގެޒެޓް އަދި މީޑިއާތަކުގައެވެ.
މިދިޔަ މާޗް މަހު މީރާއިން އާންމުކުރި "ނޭމް އެންޑް ޝޭމް" އުސޫލުގައިވާ ގޮތުން މި ލިސްޓުގައި ހިމަނަނީ ކަނޑައެޅިފައިވާ މުއްދަތާ ހަމައަށް 100،000ރ. އަށް ވުރެ ބޮޑު އަދަދެއް ޓެކްސް ފައިސާގެ ގޮތުގައި ދައްކަން ޖެހޭ ފަރާތްތަކެވެ.
ބިމު ކުލި ނުދައްކާ ރިސޯޓު ތަކަކީ:
- ޓްރިޕަލް އޭ އެންޑް ޓްރޭޑިން ކޮމްޕެނީ - ފިލިތެޔޮ އައިލެންޑް ރިސޯޓް
- އަތަމާ މެރިން އިންޓަނޭޝަނަލް - ކިހާ މޯލްޑިވްސް
- އޭބީއެން - ބްރެނިއާ ކޮއްޓެފަރު
- ހެވީ ލޯޑް މޯލްޑިވްސް - ރަހާ ރިސޯޓް
- ބޮން ފްރީ - ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
- މެދުފުށި އިންވެސްޓްމަންޓް - މެދުފުށި އައިލެންޑް ރިސޯޓް
- ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސް - އެރިޔަދޫ އައިލެންޑް ރިސޯޓް
- ސައުތު ޕާމް މޯލްޑިވްސް - ސައުތު ޕާމް ރިސޯޓް މޯލްޑިވްސް
- ސަންލޭންޑް ހޮޓެލްސް - ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ އައިލެންޑް ރިސޯޓް
- ސަންލޭންޑް ޓްރެވަލް - މަކުނުދޫ އައިލެންޑް ރިސޯޓް
- ތެލުވެލިގާ ރިޓްރީޓް - ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް
- ހޮނޑާފުށި އައިލެންޑް ރިސޯޓް
ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ. އެކަމަކު ބިމުގެ ކުލި ކުޑަކުރުމުން ދައުލަތަށް ވަންނަ ޓެކްސް އާމްދަނީން އަހަރަކު 590 މިލިއަން ރުފިޔާ މަދު ވާނެ ކަމަށް މީރާއިން ވަނީ ބުނެފައިވެ އެވެ.