ހުޅުމާލެ ދެވަނަ ފިޔަވަހީގައި މެރީނާ ވިއު އެޕާޓްމަންޓްތަކެއް އަޅާއިދޭނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.
ހުޅުމާލޭގެ ހަ ބިމެއްގައި މެރީނާ ވިއު އެޕާޓްމަންޓްތަކެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް އެޗްޑީސީން މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ޖޫން މަހުގެ 14 ވަަނަ ދުވަހުގެ ހަވީރު 3:30ގެ ނިޔަލަށެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ މެރީނާ ވިއު އެޕާޓްމަންޓްތަކަކީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ކަމުގައި ވާން ޖެހެއެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގައި މަދުވެގެން 750 އަކަފޫޓު އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި މަދުވެގެން 1000 އަކަފޫޓު ހުންނަން ޖެހޭ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ އެ އެޕާޓްމަންޓްތައް ވިއްކާއިރު ހުންނަންވާނީ ތަނުގެ ފިނިޝިންގެ މަސައްކަތް ނިމިފައި ކަމަށެވެ. އަދި ހުރިހާ ޒަރޫރީ ހިދުމަތްތަކެއް ގާއިމްވެފައިވާ ތަންތަން ކަމަށެވެ.
އޭގެ އިތުރުން އެ އިމާރާތުގައި ކޮމާޝަލް ޔުނިޓުތަކަށް ގްރައުންޑް ފްލޯއިން 50 ޕަސަންޓް އަދި ފުރަތަމަ ފްލޯއިން 30 ޕަސަންޓް ކަނޑައަޅަންޖެހޭއިރު، އިމާރާތުގައި ޕާކިން ޖާގަވެސް ހުންނަން ޖެހެއެވެ. ކޮންމެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް އެއް ސައިކަލުގެ ޕާކިން ލިބޭއިރު، ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް ދެ ސައިކަލުގެ ޕާކިން ލިބެއެވެ. އަދި ކޮންމެ ތިން އެޕާޓްމަންޓަކަށް ދެ ކާރުގެ ޕާކިން ލިބެއެވެ. ޕާކިންގެ 10 ޕަސަންޓަކީ އިމާރާތަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހާއްސަ ޖާގަ ކަމަށް ކަނޑައަޅާފައިވެއެވެ.
އެ އިމާރާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ފަސޭހައިން ވަދެ ނިކުމެ އުޅެވޭ ތަނަކަށް ހަދަން ޖެހޭއިރު، ޕާކިންގެ 3-5 ޕަސަންޓަކީ އެފަދަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕާކިންތަކެވެ.