ޖޫން މަހުން ފެށިގެން 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކުރި ބުއިންތައް އިމްޕޯޓްކުރުން މަނާކޮށްފިއެވެ.

އެކަން މަނާކޮށްފައި ވަނީ ސިންގަލްޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި މަނާ ކުރުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރުންނެވެ. ސިންގަލް ޔޫޒް ޕްލާސްޓިކް މަނާކުރުމުގެ ދެވަނަ މަރުހަލާގެ ދަށުން، މިއަަހރު ޖޫން މަހުން ފެށިގެން މަނާ ކުރަން ނިންމާފައި ވަނީ ފެން ފިޔަވައި ރާއްޖެއަށް އިމްޕޯޓްކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތަކެެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނީ ޖޫން އެއް ވަަނަ ދުވަހުން ފެށިގެން 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކުރާ ބުއިންތައް ރާއްޖޭގައި އުފެދުން މަނާ ކުރެވޭނެ ކަމަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރާނީ މިއަހަރު ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަނާ ކުރުމުގެ ފުރަތަމަ މަރުހަލާގައި، މިދިޔަ އަހަރި ވަނީ ގިނަ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށްފައެވެ. އޭގެ ތެރޭގައި:

  • ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި،
  • ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު،
  • ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި،
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)،
  • ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ،
  • 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި،
  • ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު އަދި
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން ހިމެނެއެވެ.

ތިން ވަނަ މަރުހަލާގައި އެއް ލީޓަރާއިއެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް 2023 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ރާއްޖޭގައި އުފެއްދުން މަނާކޮށް 2024 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން ބާޒާރަށް ނެރުން މަނާކުރަން ވަނީ ހަމަޖެހިފައެވެ. ވޭނެއެވެ. އަދި އެ ސައިޒުގެ ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން 2023ގެ ނިޔަލަށް މަނާކުރިއަސް، ރާއްޖޭގައި މިހާރުވެސް އުފައްދަމުންދާ 1.5 ލީޓަރު ފުޅިއާއި އެއަށްވުރެ ބޮޑު ސައިޒުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ބާޒާރުގައި ލިބެން ހުންނާނެއެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި އެކުލަވާލާފައިވާ ފޭސްއައުޓް ޕްލޭންގައި ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމަށްޓަކައި ވަކި ސިޔާސަތުތަކެއް ކަނޑައަޅާފައިވެއެވެ. އެއީ:

  1. އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކުގެ ތެރެއިން ކަޑައަޅާ ވަކި ބާވަތްތަކެއް އުފެއްދުމާއި އިމްޕޯޓު ކުރުމާއި ވިއްކުން މަނާކުރުމާ ބެހޭ ސިޔާސަތު
  2. އިމްޕޯޓް ޑިއުޓީއާއި، ޓެކްސް ނެގުމާއި، ވަކި ކަމެއް ކުރުވުމަށް ބާރުއަޅާފަދަ އެހީތެރިކަން (އިންސެންޓިވްސް) ދިނުމުގެ ސިޔާސަތު.
  3. ކުންޏާއި ބެހޭ ތަފާސް ހިސާބު ގައުމީ ފެންވަރެއްގައި އެއްކޮށް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ޕްލާސްޓިކުން ބަންދުކޮށްފައި ހުންނަ އެއްޗެތި މަދުކުރުމުގެ ލަނޑުދަނޑިތައް ކަނޑައެޅުން.
  4. ދެމިގެންދާ، އުފެއްދުންތެރިންގެ ޒިންމާތައް (އީޕީއާރް). އޭގެ ދަށުން މުދާ ބަންދުކުރުމާ ގުޅޭގޮތުން އުފައްދާ ފަރާތުގެ ދެމިގެންދާ ޒިންމާ އާއި ގުޅޭ ގާނޫނު ފާސްކުރާނެ.
  5. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި، ބޭނުންކުރެވޭނެ ތިމާވެއްޓާ ރައްޓެހި ބާވަތްތައް ތައާރަފްކުރުން.
  6. އުނގަންނައިދިނުމާއި ހޭލުންތެރި ކުރުވުން.

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުން އިމްޕޯޓު ޑިއުޓީ އިތުރުކުރުމާއެކު ތިމާވެއްޓާ ރައްޓެހި ތަކެތީގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ މާފުކުރުމަށް ސިންގަލް-ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގެ ދަށުން ހުށަހަޅާފައިވެއެވެ. ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަށް ރާއްޖޭގައި މަނާކުރި ނަމަވެސް، ކުދިވިޔަފާރިތަކުގައި އުފައްދާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކުގެ ބާވަތްތައް، ސިޔާސަތުތަކުގެ ދަށުން އިސްތިސްނާވެގެންދާނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.