ސްކޫލަކަށް ވަދެ އެ ސްކޫލުގެ ހިންގުންތެރިންނަށް ހަމަލާދޭން އުޅުމަކީ "ހަމައެކަނި މާރާމާރީއެއް" ކަމަށް ނުބެލެވޭނެ ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑޭ ވިދާޅުވީ ސްކޫލެއްގައި ދަރިވަރުން ކިޔަވަމުން ދަނިކޮށް، ތޫނު ހަތިޔާރު ހިފައިގެން ވަދެ، ކިޔަވައިދޭ ތައުލީމާ ދެކޮޅަށް އަޑުއުފުލައި، ސްކޫލުގެ ހިންގުންތެރިންނަށް ހަމަލާދޭން އުޅުމަކީ "ހަމައެކަނި މާރާމާރީއެއް" ނޫން ކަމަށާއި އެއީ ޓެރަރިޒަމް ކަމަށެވެ.
ވައްޑޭ މިހެން ވިދާޅުވީ އިއްޔެ ހެނދުނު 9 ޖަހާކަންހާއިރު، ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނުމާ ގުޅިގެންނެވެ. ފުލުހުން ބުނީ އެ މައްސަލާގައި 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް، އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުވެފައިވާ މައުލޫމާތުތަކުގައިވާ ގޮތުން "ﷲއަކްބަރް" ކިޔަމުން ތޫނު ހަތިޔާރު ހިފައިގެން ސްކޫލަށް ވަން މީހާ އުޅުނީ އެ ސްކޫލުގެ ޕްރިންސިޕަލަށް ހަމަލާދޭން ކަމަށެވެ. އަދި އެއީ އެ ސްކޫލުގެ ބެލެނިވެރިއެއް ކަމަށާއި، އޭނާ ދިޔައީ ދީނާ ހިލާފު ފިލާވަޅު އެ ސކޫލުގެ ކްލާސްތަކުގައި ނަގައިދެމުންދާކަމަށް ބުނެ އަޑުއުފުލަމުންނެވެ.