ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ދިވެހިންނާ ގުޅޭ ކިތަންމެ ކުޑަކަމެއް ހިނގިޔަސް އެކަމެއް ރައްޔިތުންނާ ހަމައަށް ވީހާވެސް އަވަހަށް ތިލަކޮށްދޭން ރާއްޖޭގެ ނޫސްވެރިން ބުރަ މަސައްކަތެއްކުރާކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެންނަމަވެސް ބައެއް ފަހަރަށް އެކަމަކާ ގުޅޭ އެކަށޭނެ މައުލޫމާތު ނުލިބިގެން ނޫސްވެރިން މާޔޫސްވާތަން އަންނަނީ މަދެއްކޮށެއް ނޫނެވެ. އެކަށޭނެ މައުލޫމާތު ނުލިބިގެން ބައެއް މައުލޫމާތު ނުހިމަނާ ދޫކޮށްލާ ޚަބަރު ކިޔުމަށްފަހު އެ ނޫސްވެރިޔާ ނުވަތަ އެ ނޫސްއެޖެންސީއަކަށް ރައްޔިތުންގެ ނުރުހުން އަންނަ ފަހަރުވެސް މަދެއް ނޫނެވެ.
މިހެން ދިމާވަނީ ގިނަފަހަރަށް އެތަނަކާ ހަވާލުވެ ހުންނަ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޯށް ނުދީގެންނެވެ. ނުވަތަ އެ މުއައްސަސާއެއްގެ މީޑިއާ ބޭފުޅާ އަށްވެސް ތަނުގެ ވެރިޔާ އެ މައުލޫމާތެއް ފޯރުކޮށް ނުދީގެންނެވެ. އެހެންނަމަވެސް މިއަދު މިފެނުނީ ނޫސްވެރިން ވެސް ހައިރާންކޮށްލި މަންޒަރެކެވެ. ނޫސްވެރިންގެ އުދާސްތަކަށް ކޮންމެވެސް ވަރެއްގެ އަލި މަގެއް ފެނިގެން ހިނގައިދާނެ ފަދަ ދޯދިއެކެވެ.
ރޭ ފަތިހު ހަތަރެއް ޖެހިތަނާ މާލޭގެ ނުވަ ސަރައްދަކަށް ސްޓޭލްކޯއިން ދެމުންދިޔަ ކަރަންޓުގެ ޚިދުމަތްވަނީ މެދުކެނޑިފައެވެ. އެވަގުތުން ފެށިގެން ހެނދު 7 ޖެހުމާ ހަމައަށް ސްޓޭލްކޯއިން މަސައްކަތް ކުރަމުންދިޔައީ މިސަރަހައްދުތަކަށް ކަރަންޓްގެ ޚިދުމަތް ދެވޭތޯއެވެ. އެކި ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް ދެމުންދަނިކޮށް އެންމެ ފަހު ފީޑަރު ހިއްލާލިތަނާ މުޅި މާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ.
މިހާ ހިސާބަށް ކަންތައްދިޔައިރުވެސް ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ސްޓެލްކޯއިން ހަދާފައިވާ ވައިބާ ގްރޫޕުން ފަތިހު 5:09 އަކުން ފެށިގެންވެސް ތަފާތު މަންޒަރެއް ފެންނަމުން ދިޔައެވެ. މިފަދަ ކޮންމެ ހާލަތެއްގައި ވެސް އެތަނުގެ މީޑިއާ އޮފިޝަލް އަޕްޑޭޓް ދެމުންދިޔަ މީޑިއާ ގްރޫޕަށް އެވަގުތުގެ ހާލަތު ބަޔާންކޮށްދެއްވަން ފެއްޓެވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ. މިއީ މިހާތަނަށް އަޅުގަނޑުމެން ނޫސްވެރިންނަށް އެއްވެސް މީޑިއާ ގްރޫޕަކުން ފެނުނު މަންޒަރެއް ނޫނެވެ. އެމްޑީ ޝަރީފް ވަނީ ހެނދުނު 9:11 ގައި މުޅި މާލެއަށް ކަރަންޓު ފޯރުކޮށްދެވެންދެން ހާދިސާގެ އަޕްޑޭޓް ދެއްވާފައެވެ. މިކަން ގިނަ ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ.
މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި އަޅުގަނޑަށް އަލަށް ފެނުނު މަންޒަރެކެވެ. އާންމު ގޮތެއްގައި މިފަދަ ހާދިސާއެއް ހިނގައިފިނަމަ މައުލޫމާތު ހޯދަން ނޫސްވެރިން އާދޭސް ކުރަންޖެހެއެވެ. ނޫސްވެރިން މައުލޫމާތު ހޯދަނީ ރައްޔިތުންނަށް ފޯރުކޯށްދިނުމަށެވެ. އެހެންކަމުން މިއަދު ސްޓެލްކޯ އެމްޑީގެ ފަރާތްޕުޅުން ފެނިގެން މިދިޔަ މީޑިއާ އާއި ރައްޓިހި ހިންގުންތެރިކަން ހުރިހާ ތަނަކުންވެސް ފެނިގެންދިއުމަކީ ނޫސްވެރިންގެ އުންމީދެކެވެ. އެހެން އެކަން ހިނގައިފިނަމަ ރައްޔިތުންނަށްވެސް މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ސާފުވެގެންދާނެކަން ޔަގީނެވެ.