ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ހައްދުންމަތީ މާބައިދޫ ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުންވަނީ ރަށުގެ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަމާބެހޭ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކޮށްފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ކައުންސިލުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވައި، މާބައިދޫގެ ތަރައްގީއަށް މިހާރަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި މާބައިދޫ ސްކޫލަށް ދަތިވެފައިވާ ކަންކަމުގެ އިތުރުން އައިސް ޕްލާންޓް ޤާއިމްކުރުމުގައި ދިމާވެފައިވާ މައްސަލައިގެ އިތުރުން ރަށުގައި ލޯކަލް ޓޫރިޒަމް ފަށައިގަތުމަށްޓަކައި ކުރަންޖެހިފައިވާ މުހިންމު ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ކަމަށެވެ.

މާބައިދޫ ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ބައެއް އިތުރު ކަންކަމުގެ ތެރޭގައި ސަރުކާރުން އެ ރަށުގެ ތަރައްގީއަށް ފަށާފައިވާ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެ ރަށު ކައުންސިލުން އަލަށް މީހުން އާބާދުކުރަން ވިސްނަވައި ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަޙައްދާއި ހަމައަށް ނަރުދަމާ ނިޒާމު ފުޅާކުރުމުގެ މުހިންމުކަން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ލޯކަލް ޓޫރިޒަމް ފަށައިގަތުމާއެކު ރަށުގައި ފުލުހުން ޤާއިމްވެތިބުމުގެ މުހިންމުކަމާއި ކައުންސިލް ޢިމާރާތް ގިނަ ދުވަސްވެ ބައުވެފައިވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގެ މަޢުލޫމާތު އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލްތަކުގެ ހިޔާލާއި ވިސްނުމާ އެއްގޮތަށް އެކިއެކި މަޝްރޫޢުތަކާއި ސަރުކާރުން ހިންގަވާ މަސައްކަތްތައް ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި މާބައިދޫ ކައުންސިލުން ފާހަގަކުރެއްވި ސްކޫލަށް ދިމާވެފައިވާ ޖާގައާއި ވަޞީލަތުގެ ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި މަސައްކަތް ކޮށްދެއްވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ރަށް ގިރުމުގެ މައްސަލައަކީ މި އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށްދާ މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވާދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް ވަނީ އަރުވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.