މީގެ ހަ އަހަރު ކުރިން ށ. ނޫމަރާގައި ވަޅިން ހަމަލާދީ އަމިއްލަ ދަރިފުޅު މަރާލިކަމުގެ ދައުވާ ކޮށްފައިވާ ށ.ފުނަދޫ، ދިނަށަ، އާމިނަތު ޝާހިދާ ގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.
2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ދިރިއުޅޭ ގޭ ކޮޓަރީގައި އޭނާގެ ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ކުއްޖާގެ ކާފައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
ޝާހިދާ މަރާލާފައި ވަނީ އޭނާގެ އެންމެ ހަގު ދަރިފުޅު އާމިނަތު ޝައިހާއެވެ. ދޮއްޓަށް އަދި ދެ ކުދިން ތިބޭ އިރު، އޭނާ ޝައިހާ މަރާލީ އެމީހުން ފުނަދޫ އިން ނޫމަރާއަށް ދިރިއުޅުން ބަދަލުކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. މައްސަލައަށް ގާތްގަނޑަކަށް 6 އަހަރުވެފައިވާއިރު، ޝާހިދާ އެ ކުއްޖާ މަރާލީ ކީއްވެގެން ކަމެއް ހާމައެއް ނުކުރެއެވެ. އަދި ކުޑަކުއްޖެއްގެ މައްސަލައަކަށް ވާތީ މައްސަލަ ކުރިއަށްގެންދަނީ ވެސް ސިއްރުކޮށްގެންނެވެ.
މި މައްސަލާގައި ޝާހިދާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައެޅި އިރު ދެން ކުރިއަށް އޮތީ ވާރިސުންގެ ބަސް ހޯދުމެވެ.
މިއީ ރާއްޖޭގައި މި ފަހުން ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. ފުރަތަމަ ކަމަކީ 2015 ވަނަ އަހަރު ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް އޭނާގެ މަންމަ އާފިޔާ އޭނާ މަރާލި ހާދިސާއެވެ.