މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފައިވާތީ އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ޝަހުބާންގެ މައްޗަށް މި ތުހުމަތުކޮށްފައި ވަނީ އޭނާގެ ބޭބެ އަލްހާން ފަހުމީ އިސްވެ ހުންނަވައި ހިންގަމުން އަންނަ އާއިލީ ވިޔަފާރި "ކިންގް ފޮރެކްސް" ެދުވެރުކޮށް މަނީ ލޯންޑަރކުރި ކަމަށް ބުނެއެވެ. އެ މައްސަލާގައި އަލްހާން ފުލުހަށް ވެސް ހާޒިރުކޮށްފައިވާއިރު އޭނާގެ އިތުރުން ކުންފުނީގެ ދެން ތިބި ހިއްސާދާރުންގެ މައްޗަށް ވެސް މައްސަލަ އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ޝަހުބާން ހިމެނެއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. މިއަދު މައްސަލަ ހުށަހަޅައި ތާވަލުކުރަން އެދިފައިވާއިރު، އުޝާމް "ޖަޒީރާ" އާ ވާހަކަދައްކަވަމުން ވިދާޅުވީ ޝަހުބާން އަކީ މިހާރު ގާނޫނު ބުނާގޮތުންނަމަ މަގާމުގައި ހުރުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ.
މީޑިއާ ކައުންސިލްގެ ގާނޫނުގައިވާގޮތުން އެ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވާނީ ފަސް ހާލަތެއްގައެވެ. އެއީ ދައުރު ހަމަވުމުން، އިސްތިއުފާދިނުމުން، ކައުންސިލުގެ މެމްބަރުކަމުން ވަކިކުރުމުން، މަރުވުން ނުވަތަ، މެމްބަރެއްގައި ހުރުމަށް އެ ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުމުންނެވެ.
މުޖުތަމައު ގަބޫލުކުރާ މިންގަނޑުން އަބުރުވެރި އަހްލާގް ރަގަޅު މީހެއްކަމަށްވުމަކީ މީޑިއާ ކައުންސިލްގެ މެންބަރުކަމުގެ ސިފަތަކުގެ ތެރޭގައި ގާނޫނުގައި ހިމެނޭކަމެއް. މަނީ ލޯންޑަރިންގެ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތެއް. ގާނޫނުގަ ބުނާ ސިފައެއް އުނިވުމަކީ މަގާމުން ވަކިވާނެ ހާލަތެއް.
ކިންގްސް ފޮރެކްސް ކުންފުނިން ވިޔަފާރި ކުރަމުން އައީ އާންމުންގެ އިންވެސްޓްމަންޓްނަގައި ފޮރެކްސް ޓްރޭޑިންގ ސްކީމެއް ކަމަށް ބުނެއެވެ. އެކަމަކު މަރުކަޒީ ބޭންކާއި، ކަމާބެހޭ އެހެން އިދާރާތަކުން ވެސް ވަނީ އެއީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގަމުން އަންނަށް ސްކީމެއް ކަމަށް ބުނެ އެކަން ހުއްޓުވާފައެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހެޅި އިރު މީގެ ކުރިން ވެސް ފޮރެކްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހުބާން ނޫސްވެރިންނަށް ފުރައްސާރަކުރި މައްސަލައެއް ވެސް ފެންމަތިވިއެވެ.