މިހާތަނަށް ރާއްޖޭއާއި އަދި އަވަށްޓެރި ޤައުމަކުންވެސް މަންކީޕޮކްސް ކޭސް ފެނިފައި ނުވާތީ މިވަގުތު ރާއްޖޭގައި މިބަލި ފެތުރުމުގެ ރިސްކް ކުޑަކަމަށް ލަފާކުރެވޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ބުނެފިއެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި މިވަގުތު ފެތުރެމުންދާ މަންކީޕޮކްސް އާއި ގުޅޭގޮތުން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއާއި އަވައްޓެރި ގައުމުތަކުން މި ބަލި ފެނިފައި ނުވިނަމަވެސް ގިނަ ޤައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ޤައުމުތަކުން ކޭސްތައް ފެނިދާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެއާއި ގުޅިގެން ރާއްޖެއަށްވެސް ކޭސްއެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާ އެހެންކަމުން އާއްމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެގޮތުން މަންކީޕޮކްސްއާއި މިފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ސާފު ކުރުމާއި، މާސްކް އެޅުމުން އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެންމީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުން މުހިއްމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ހުންއައުމާއި، ގައިގައި ރިހުންފަދަ އަލާމާތްތަކާއެކު، ގޮށްލާ، ހަމުގައި ބިހި ނަގައިފި ނަމަ އަވަހަށް ޑޮކްޓަރަކަށް ދެއްކުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ.
ދުނިޔޭގައި ފެތުރޭ އެހެނިހެން މުހިއްމު ނުވަތަ އާދަޔާ ޚިލާފު އައުޓްބްރޭކް ތަކެކޭ އެއްގޮތަށް މި އައުޓްބްރޭކްވެސް
މިއޭޖެންސީއިން މޮނިޓަރ ކޮށް ރިސްކް އެސެސްމަންޓްތައް ހަދަމުން ގެންދާނެއެވެ. މި ބައްޔާ ބެހޭ މައުލޫމާތު ސިއްހީ
ފަރުވާދޭ ފަރާތްތަކާއި ހިއްސާކުރުމާއި، ބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކޭސްއެއް ފެނއްޖެނަމަ
އެކަމާއި ގުޅިގެން އަމަލުކުރާނޭ އުސޫލުތަށް އެކުލަވާލުމުގެ މަސައްކަތް މިއޭޖެންސީއިން މިދަނީ ކުރަމުންނެވެ
އެޗްޕީއޭއިން ބުނީ އިނގިރޭސިވިލާތުގައި މަންކީޕޮކްސް ވައިރަސްގެ ކޭސްތަކެއް ރިޕޯރޓްކުރެވުމާއެކު އެ އޭޖެންސީއިން ދިޔައީ އެއައުޓްބްރޭކްގެ ހާލަތު ބަލަމުންކަމަށެވެ.
މި ކޭސްތަކާއި ގުޅިގެން ޤައުމުތަކުން ބެލި ބެލުމުން، 21 މޭ 2022 އާއި ހަމައަށް 12 ޤައުމެއްގައި 92 ކޮންފަރމްޑް ކޭސް ފެނިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް ރިޕޯރޓް ކުރެވިފައިވެއެވެ.
އެޗްޕީއޭއިން ބުނީ މަންކީޕޮކްސް ގެ ކޭސްތައް އެބަލި އާއްމުކޮށް އުޅޭ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ޤައުމުތަކުން ފެނުނުކަމުގައި ވިޔަސް، މިއިން ޤައުމަކާއި ގުޅުމެއް ނެތް ގޮތަށް، ބަލި އައިސް ފެތުރެންފެށި ގޮތް ނޭނގި މިފަދަ އައުޓްބްރޭކެއް ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެހެންކަމުން، ކޭސްތައް ފެނިފައިވާ ޤައުމުތަކާއި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގުޅިގެން މި އައުޓްބްރޭކް ފެތުރެންފެށި ގޮތާއި، މަންކީޕޮކްސް ފަތުރާ ވައިރަހަށް އަދި ބަލި ޖެހޭގޮތަށް ބަދަލުތަކެއް އައިސްފައިވޭތޯ ދިރާސާ .ކުރަމުންދާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނަފައެވެ.
މަންކީޕޮކްސްއަކީ ސްމޯލްޕޮކްސް )ކަށިވިދުރި( ޖައްސާ ވައިރަސްއާއި އެއް އާއިލާގެ ވައިރަސްއަކުންޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖެހި ވެކްސިން އިން މަންކީޕޮކްސްއިންވެސް ރައްކާތެރިކޮށްދެއެވެ. 1980 ވަނަ އަހަރު ދުނިޔޭން ކަށިވިދުރި ނައްތާލެވުމާއެކު އޭގެ ވެކްސިން ޖެހުން ހުއްޓާލުމަށްފަހު މިވީ އަހަރު ތަކުގެ ތެރޭގައި މަންކީޕޮކްސްގެ ކޭސްތައް، ޚާއްސަކޮށް މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި މިބަލި އުޅޭ ޤައުމުތަކުގައި ވަނީ އިތުރުވެފައެވެ.
މަަންކީޕޮކްސް ބަލީގެ އަލާމާތްތައް:
- ފުރަތަމަ ހުން އައުން
- ގައިގައި ރިއްސުން
- ވަރަށް ބޮޑަށް ވަރުބަލިވުން
- ބޮލުގައި ރިއްސުން
- ކަރުގައާއި، ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން
- އެއަށްފަހު 1ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނެގުން
އެޗްޕީއޭއިން ބުނި މިބަލީގައި ނަގާ ބިހިތައް ފުރަތަމަ ނަގާއިރު ހުންނާނީ ފަތިކޮށް ކަމަށާ އެއަށްފަހު ފެން ފޮޅަށްވެ، އޭގެ ފަހުން ފޮޅުތަކުގައި ދޮސްލާ ކަމަށެވެ. ދެން ފޮޅުތައް ފަޅައިގެންގޮސް، ކުރަލައި، ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެންދެން ބަލިމީހާގެ ފަރާތުން އެހެންމީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިބަލި ޖެހުމުން ނަގާ ބިހިތައް ބައެއް ފަހަރު ފާނަބަސަންދު ޖެހުމުން ނަގާ ބިހިތަކާ އެއްގޮތްވެދާނެއެވެ. މިބައްޔަށް ސީދާ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ބަލީގެ އަލާމާތްތަކަށްދޭ ފަރުވާއަށްފަހު ގިނަ މީހުން ބަލިން ރަނގަޅުވެއެވެ.
މަަންކީޕޮކްސްއަކީ އާއްމުކޮށް މިބަލީގެ ވައިރަސް ހުންނަ ޖަނަވާރުގެ ފަރާތުން ފެތުރޭ އެއްޗެކެވެ. ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ އެހެން ގިނަ ބަލިތަކާ ތަފާތުކޮށް، އިންސާނުންގެ ތެރޭގައި މަންކީޕޮކްސް އާއްމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންނެވެ. އިންސާނުންގެ ތެރޭގައި އެކަކުގައިން އަނެކަކު ގަޔަށް މިބަލީގެ ވައިރަސް ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލުމުގެ ނިޒާމަށް ގޮސްގެންނާއި، ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުންނާއި، ބަލިމީހާގެ ހެދުމާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުންނެވެ.
.