ގއ. ވިލިނގިލި ނެރުމައްޗަށް ލޯންޗެއް އަރައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 3 މީހުން މާލެ ގެނެސްފިއެވެ.
ފުލުހުން ބުނީ 5 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ގއ.ވިލިނގިލީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި ހިނގި އެކްސިޑެންޓްގައި ލޯންޗުގައި ތިބި 2 މީހަކު ކަނޑަށް ވެއްޓި ގެއްލުނު ކަމަށާ އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ ގއ. ވިލިނގިލީ ދޫރެސް، މިސްބާހު އަބްދުލް މުހުސިން އާއި ނ. ލަންދޫ، އުރަހަ، އަހުމަދު ޝާފިއު ކަމަށް ފުލުހުން ޔަގީންކޮށް ދިނެވެ.
ލޯންޗުގައި ދެން 3 މީހުންނަށް ފުރަތަމަ ފަރުވާދިނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުންނެވެ. އެ 3 މީހުން މާލެ ގެނެސްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ތިން މީހުންގެ ހާލުވެސް ސީރިއަސް ކަމަށާ އެކަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މި ތިން މީހުންނަށް ވެސް އައިޖީއެމްއެޗުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.