18 އަހަރުވުމުގެ ކުރިން ދަރިންގެ ތެލަސީމިއާ ޓެސްޓް ހެއްދުން ލާޒިމްކުރީ ކީއްވެ؟

ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނެއް ވުޖޫދަށް އައީ 2012 ވަނަ އަހަރެވެ. އެ ގާނޫނުގެ ދަށުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖާގެ ތެލަސީމިއާ ޓެސްޓު ކުރުމަކީ ބެލެނިވެރިންގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

"ޖަޒީރާ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް ބްލަޑް ސާވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއޭޓްރިކްސް, ޑރ. އަހްމަދު އުމަރު ވިދާޅުވީ 10 އަހަރުވީ ގާނޫނެއް އޮތް ނަމަވެސް އެކަން އެކަށީގެންވާ ގޮތަކަށް ތަންފީޒު ކުރެވޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުގައި ބެލެނިވެރިންގެ މައްޗަށް އެކަން ލާޒިމުކޮށް މާއްދާއެއް އޮންނަކަން ވެސް ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ.

މީގަ, ބެލެނިވެރިންނަށް އެ ޒިންމާ އަދާނުކޮށްގެން, ބެލެނިވެރިންނަށް އަދަބުތަކެއް ދޭ ވާހަކައެއް ގާނޫނަކު ނެތް. އެކަމަކު އަޅުގަނޑުމެން އާންމު ރައްޔިތުން ވިސްނާލަން އެބަޖެހޭ ގާނޫނަކުން މިކަން ލާޒިމުކުރަން މިޖެހުނު ސަބަބު

ޑރ. އުމަރު ވިދާޅުވީ ރާއްޖޭގައި އުފަންވާ ތެލަސީމިއާ ކުދިންގެ އަދަދު ކޮންޓްރޯލުން ނެއްޓި, އިތުރުވަމުން ދިއުމަކީ މުޅި މުޖުތަމައު އެކަމާ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. 18 އަހަރު ފުރުމުގެ ކުރިންގެ ތެލަސީމިއާ ޓެސްޓް ހެއްދުމަށް ގާނޫނަކުން ލާޒިމުކުރަން ޖެހުނީ އެ ސަބަބާހެދިކަން ފާހަގަކުރައްވާ ޑރ. އުމަރު ވިދާޅުވީ ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އާންމުން ހޭލުންތެރިކުރަން ޖެހޭ ކަމަށެވެ.

ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނާއި, ތެލަސީމިއާއަށް އާންމުން ހޭލުންތެރިކުރުމުގެ އިތުރުން ކުދިންނަށް ވެސް ތެލަސީމިއާއާ ބެހޭ މައުލޫމާތު ފޯރުކޮށްދީ ކަމުގެ މުހިންމުކަން ހާމަކޮށްދޭން ޖެހޭ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.

ތެލަސީމިއާއާ ބެހޭ އިތުރު ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރައްވަމުން ޑރ. އުމަރު ވިދާޅުވީ އުމުރުން 12 އަހަރު ވެފައިވާ ކޮންމެ ކުއްޖަކަށް ވެސް ތެލަސީމިއާ ޓެސްޓް ހެއްދޭނެ ކަމަށާއި, 12 އަހަރު ފުރުމުގެ ކުރިން ޓެސްޓް ހެއްދުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ. އެއީ އޭރަށް ޓެސްޓުގެ ނަތީޖާ ރަނގަޅު ނުވެދާނެތީ އަދި ނަތީޖާ ނުލިބިދާނެތީ ކަމަށެވެ.

ތެލަސީމިއާއަށް ޓެސްޓުކުރަން ބޭނުންވާ ކުއްޖެއް ނުވަތަ މީހެއް ނަމަ, މާލެ ސަރަހައްދުން, މޯލްޑިވްސް ބްލަޑް ސާވިސްއަށް ދިއުމުން ޓެސްޓް ހައްދަދޭނެއެވެ. އެގޮތުން ހުކުރު ދުވަހާއި ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00ގެ ނިޔަލަށް ބްލަޑް ސާވިސަސްއިން ޓެސްޓް ހައްދަ ދެއެވެ. އުމުރުން 12 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކުވެސް މި ވަގުތުގައި ބްލަޑް ސާވިސްއަށް ދިއުމުން, ހިލޭ އެއްފަހަރު ޓެސްޓްކޮށްދޭނެއެވެ. އަތޮޅުތެރޭގައި ނަމަ, އެ އަތޮޅެއްގައި ތެލަސީމިއާ ޓެސްޓް ހަދައިދޭ ހޮސްޕިޓަލަކަށް ގުޅައިގެން, ޓެސްޓް ހައްދައިދޭ ދުވަސްތަކާއި ގަޑިތައް ސާފުކޮށްގެން ދިޔައިމަ އެތަންތަނުން ވެސް ހިލޭ ޓެސްޓް ކޮށްދޭ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %