ރާއްޖޭގައި ކޮންމެ 5 މީހަކުން އެކަކީ ތެލަސީމިއާ ކެރިއަރަކަށް ވެދާނެ, އިތުރަށް ސަމާލުވާން ޖެހޭ!

ނިސްބަތުން ބަލާއިރު, ރާއްޖެއަކީ ތެލަސީމިއާ ކެރިއަރުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އާބާދީގެ ގާތްގަނޑަކަށް 16 ޕަސަންޓް މީހުންނަކީ ތެލަސީމިއާ ކެރިއަރުން ކަމަށްވާއިރު, އެ އަދަދު އަތްނުފޯރާ ފަށަށް އިތުރުވެދާނެކަމުގެ ބިރު މިވަނީ ބޮޑުވެފައެވެ.

މިހާރުގެ ހާލަތަށް ބަލާނަމަ, ކޮންމެ 5  މީހަކުން އެކަކީ ކެރިއަރެކެވެ. ނަމަވެސް އެކަމާ މާބޮޑު ފަރުވާލެއް ނުބަހައްޓާ, އަޅާނުލެވި ކައިވެނިތައް ކުރަމުންދާނަ, ރާއްޖޭގައި ކުރާ ކޮންމެ 30 ކައިވެންޏަކުން އެއް ކައިވެންޏަކީ ދެ ތެލަސީމިއާ ކެރިއަރުންގެ މެދުގައި ކުރެވޭ ކައިވެންޏަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.

"ޖަޒީރާ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް ބްލަޑް ސާވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއޭޓްރިކްސް, ޑރ. އަހްމަދު އުމަރު ވިދާޅުވީ ރާއްޖޭގައި ތެލަސީމިއާ ކެރިއަރުން އިތުރުވަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށާއި, އެކަމަށް އަޅާނުލެވި, ކައިވެނިތައް ކުރަމުންދާނަމަ, ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ކެރިއަރުން ކަމުގައިވެ, އެކަމުގެ ގޮންޖެހުންތައް މުޅި މުޖުތަމައަށް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ރާއްޖޭގައި ތެލަސީމިއާ ކެރިއަރުން އިތުރުވަމުންދާކަމުގެ ބިރު ބޮޑުވެފައިވާއިރު, މޯލްޑިވްސް ބްލަޑް ސާވިސަސްގެ ތެލަސީމިއާ ކުދިންގެ ދަފްތަރުގައި ޖުމްލަ 929 މީހުން ރަޖިސްޓްރީވެފައިވާއިރު އޭގެ ތެރެއިން ދުނިޔޭގައި ތިބީ 653 މީހުންނެވެ. ރާއްޖޭގައި ތިބި ތެލަސީމިއާ ބަލިމީހުންގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެމުން ދަނީ މާލެ ސަރަހައްދުގައެވެ.

ކޮވިޑް-19 ފަދަ ބަލިތަކާ ހިލާފަށް ތެލަސީމިއާ އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. އެއީ ތެލަސީމިއާ ހުންނަ މީހަކާއެކު އުޅެގެން, ދިރިއުޅޭ ގޮތަކުން, ކާ އެއްޗަކުން, ނުވަތަ ހޯދާ ފަރުވާއަކުން ވެސް ޖެހޭ އެއްޗެއް ނޫނެވެ. ތެލަސީމިއާއަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަކުރާ ކަމެކެވެ. ތެލަސީމިއާ ކުއްޖަކަށް ކުއްޖާ ވާނީ, މަންމައާއި ބައްޕަ, ދެމީހުންގެ ފަރާތުން އެކަން ވާރުތަކޮށްގެންނެވެ.

ތެލަސީމިއާ ކޮންޓްރޯލް ކުރާނީ ކިހިނެތް؟

ޑރ. އުމަރު ވިދާޅުވިގޮތުގައި ތެލަސީމިއާ ބަލިކުދިން އުފަންވާ މިންވަރު މަދު ކުރުމަށް ނުވަތަ ކޮންޓްރޯލް ކުރުމަށް ކުރަން ޖެހެނީ މައިގަނޑު ހަތަރު ކަމެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޑރ. އުމަރު ފާހަގަކުރެއްވީ މުޅި މުޖުތަމައު އެކަމަށް ހޭލުންތެރިވުމެވެ. އޭނާ ވިދާޅުވީ ތެލަސީމިއާ ބަލި ކޮންޓްރޯލް ކުރުމުގައި މުޅި މުޖުތަމައުގެ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ތެލަސީމިއާއަކީ ކޮބާކަން ނޭނގޭ މީހުން އުޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި, ބަލި ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ ކަމަކީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި ތެލަސީމިއާއަށް ސަމާލުކަން ދިނުން ކަމަށެވެ. އެގޮތުން, ޒަވާޖީ ހަޔާތެއް ފަށަން ވިސްނުމުގެ ކުރިން ތެލަސީމިއާއަށް ޓެސްޓުކޮށް, އެ ނަތީޖާއަށް ބަލާ ޒަވާޖީ ހަޔާތް ރާވާލުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ދެވަނަ ކަމަކަށް ޑރ. އުމަރު ފާހަގަކުރެއްވީ ތެލަސީމިއާ ޓެސްޓު ފަސޭހައިން ހެދެން ހުރުމުގެ މުހިންމުކަމެވެ. މީގެ 10-15 އަހަރު ކުރީގައި ތެލަސީމިއާ ޓެސްޓް ހެދުމުގެ ހިދުމަތް ލިބެމުންދިޔައީ ހަމައެކަނި މާލެއިން ކަމުގައިވީނަމަވެސް މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ތެލަސީމިއާ ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ހިދުމަތްތައް ރަށްރަށުން ވެސް ލިބެން ހުރިކަން އާންމުންނަށް އެނގެން ޖެހޭ ކަމަށާއި, އެ ހިދުމަތް ފުޅާކޮށް, ގިނަ ބަޔަކު ކުރިއާލާ ޓެސްޓުކުރުމުގެ މުހިންމުކަން ޑރ. އުމަރު ވަނީ ފާހަގަކުރައްވާފައެވެ.

ތިން ވަނަ ކަމަކީ ދެ ތެލަސީމިއާ ކެރިއަރުން ކައިވެނި ކުރާނަމަ އެ ދެ މީހުންނަށް ދޭންޖެހޭ މައުލޫމާތު ނުވަތަ ޖެނެޓިކް ކައުންސިލިން ދިނުން ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މޯލްޑިވްސް ބްލަޑް ސާވިސަސްގެ ފަރާތުން 2017 ވަނަ އަހަރުން ފެށިގެން ފެމިލީ ކޯޓާ ގުޅިގެން, އެ ކޯޓުގައި ކުރާ ކައިވެނިތަކުގެ ތެރެއިން ތެލަސީމިއާ ކުއްޖެއް ލިބުމުގެ ފުރުސަތު އޮތް ދެ ކެރިއަރުން ކައިވެނިކުރާނަމަ, އެ ދެ މީހުންނަށް އަދި އެ މީހުންގެ އާއިލާ މެންބަރުންނަށް ކައުންސެލިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަމުންދާ ކަމަށެވެ.

ދެ ތެލަސީމިއާ ކެރިއަރުންނަމަ, ކައިވެނި ކުރެވޭނީވެސް ޖެނެޓިކް ކައުންސިލިން ޕްރޮގްރާމްގައި ބައިވެރިވެ, އެ ޕްރޮގްރާމް ފުރިހަމަކުރުމުން ލިބޭ ސެޓްފިކެޓް ކޯޓަށް ހުށަހެޅުމުންމެވެ. މާލޭގައި އެ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާއިރު, ޖުޑިޝަލް އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓް (ޑީޖޭއޭ)އާ ގުޅިގެން އަތޮޅުތެރޭގައި ކުރާ ކައިވެނިތަކުގައި ވެސް ޖެނެޓިކް ކައުންސިލިން ދެވޭނެ އިންތިޒާމު ބްލަޑް ސާވިސަސްއިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން އަތޮޅު ތެރެއަށް މިހާރު ވަނީ 287 ޖެނެޓިކް ކައުންސިލަރުން ތަމްރީނުކޮށް ފޮނުވާފައެވެ.

ޑރ. އުމަރު ދެން ފާހަގަކުރެއްވީ ކައިވެންޏަށްފަހު, ތެލަސީމިއާ ކުއްޖެއް ލިބުމުގެ ފުރުސަތު އޮންނަ ދެމީހަކު މާބަނޑުވާ ހިސާބުން ކުރަން ޖެހޭ ޕްރިނޭޓަލް ޑައިގްނޯސިސް ހެދޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމުގެ މުހިންމުކަމެވެ. ނަމަވެސް އެއީ އެ ޓެސްޓް ހެދުމުގެ އިންޒާމް ރާއްޖޭގައި އަދި ހަމަޖެހިފައެއް ނުވެއެވެ. ޑރ. އުމަރު ވިދާޅުވިގޮތުގައި ރާއްޖޭގައި ޕްރިނޭޓަލް ޑައިގްނޯސިސް ހެދޭނެ އިންޒާމު ހަމަޖެހިފައި ނެތުމުގެ އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ ކޮވިޑް ލޮކްޑައުންތެރޭގައި ކަމަށެވެ. އެގޮތުން އެ ޓެސްޓް ހަދަން ރާއްޖެއިން ބޭރަށް ނުދެވުމުގެ ސަބަބުން އެހެން އަހަރުތަކާ ހިލާފަށް މިދިޔަ އަހަރު ތެލަސީމިއާ ބަލިކުދިން އުފަންވި މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ 2017 ވަނަ އަހަރު ފެމިލީ ކޯޓާ ގުޅިގެން ޖެނެޓިކް ކައުންސިލިން ދޭން ފެށުމާއެކު ޕްރީނޭޓަލް ޑައިގްނޯސިސްއަށް ދާންފެށި މީހުންގެ އަދަދު އިތުރުވިކަން ފާހަގަވިކަމަށެވެ.

ތެލަސީމިއާ ކުދިންނަށް ފަރުވާ ދިނުމާ ބެހޭގޮތުން ވާހަކަދައްކަވަމުން ޑރ. އުމަރު ވިދާޅުވީ ކުރިއާ ހިލާފަށް މިހާރު ރާއްޖޭގެ ގިނަ ރަށްތަކުގައި ތެލަށީމިއާ ކުދިންނަށް ލޭ އެޅޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށާއި, ބޭސް ލިބުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެހިސާބުން ތެލަސީމިއާ ބަލިކުދިންގެ ފަރުވާ ނުނިމޭ ކަމަށެވެ. އެގޮތުން ތެލަސީމިއާ ބަލި ކުއްޖަކުން ބޮޑުވަމުން އަންނަ ވަރަކަށް އެހެން ދާއިރަތަކުގެ ހާއްސަ ޑޮކްޓަރުންގެ އެހީތެރިކަމާއި އެއްބާރުލުން ނުވަތަ މަލްޓި ޑިސިޕްލިނަރީ ކެއާ ޓީމަކުން އެކުދިންނަށް ފަރުވާ ދޭން ޖެހޭ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖާގައި އަދި ގާއިމްވެފައި ނެތް, ނަމަވެސް ރާއްޖޭގައި ގާއިމްކުރަން މުހިންމު ހިދުމަތެއް ކަމަށެވެ.

ތެލަސީމިއާ ބަލިމީހުން ގިނަ, ނަމަވެސް ލޭ ހަދިޔާކުރާ މީހުން މަދު!

ރާއްޖޭގައި ތެލަސީމިއާކުދިން ގިނަވާވަރަކަށް ރާއްޖެއަށް ލޭ ބޭނުންވާލެއްވެސް އިތުރުވެއެވެ. ނަމަވެސް ރާއްޖޭގައި ލޭ ހަދިޔާކުރާ މީހުން މަދުކަން ފާހަގަކޮށްލެވެއެވެ. ކޮވިޑް-19 ބަލިމަދުކަމުގެ ތެރޭގައި ވެސް އެންމެ ފާހަގަވެގެން ދިޔަ އެއްކަމަކީ ބްލަޑް ސާވިސަސްއަށް ލޭ ބޭނުންވެ, އާންމުންގެ އެހީތެރިކަމަށް އެދުމެވެ. ޑރ. އުމަރު ވިދާޅުވި ގޮތުގައި ލޭ ހޯދުމަށް ގޮވާލި ކޮންމެ ފަހަރެއްގައި ވެސް އެކަމަށް ބޮޑު ތަރުހީބެއް ލިބެމުން ދިޔަ ކަމަށާއި, އޭރު ލިބުނު ތަރުހީބު މިހާރުވެސް ބޭނުންވާ ކަމަށެވެ.

އޭރު ދެއްކި ނަމޫނާ މިހާރުވެސް ދައްކާނަމަ އަޅުގަނޑު ވަރަށް އުފާވާނެ

ޑރ. އުމަރު ވިދާޅުވީ ގަވައިދުން ލޭ ހަދިޔާ ކުރާނެ ބަޔަކު ތިބެން އެބަޖެހޭ ކަމަށާއި, ރާއްޖެއަކީ އެއްވެސް އިރެއްގައި ލޭ ހޯދަން ފަސޭހަ ގައުމަކަށް ނުވާއިރު, އަދިވެސް އެކަމަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

ތެލަސީމިއާ ކުއްޖެއްގެ ގޮތުގައި ދަފްތަރުވާ ކޮންމެ ކުއްޖަކީ އިތުރަށް ލޭ ބޭނުންވާ ކުއްޖެއްކަން ފާހަގަކުރައްވާ ޑރ. އުމަރު ވިދާޅުވީ މިއަހަރުވެސް އިތުރު 11 ކުދިން ތެލަސީމިއާ ކުދިންގެ ގޮތުގައި ދަފްތަރުވެފައިވާ ކަމަށެވެ. އަދި ދަފްތަރަށް އިތުރުވި 11 ކުދިންނާއެކު, ކުރިން ލޭ ހަދިޔާކުރަމުން ދިޔަ ޑޯނަރުންގެ އިތުރަށް ކޮންމެ މަހަކު 11 ޑޯނަރުންނަށް ބޭނުންޖެހިފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކަސް ލޭ ހަދިޔާ ކުރެވެނީ 3 މަހުން އެއް ފަހަރު ކަމަށްވާއިރު, އަހަރަކަށް ބަލާއިރު, އިތުރު 40 އަށްވުރެ ގިނަ ޑޯނަރުން ބޭނުންވާ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ތިބި ތެލަސީމިއާ ބަލިމީހުންނަކީ އެއްދުވަހުން އަނެއްދުވަހަށް އުމުރުން ދޮށިވަމުން, ހެދިބޮޑުވަމުން ދާނެ ބައެއް ކަމަށާއި, އެމީހުންނަށް ބޭނުންވާ ލޭ ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ތެލަސީމިއާ  ބަލިމީހުން އިތުރުވަމުންދާ ވަރަކަށް ލޭ ހޯދުމުގައި އޮތް ގޮންޖެހުން ވެސް އިތުރުވަމުންދާނެ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %