ނައިބު ރައީސް ފައިސަލް ނަސީމް؛ ދެވަނަ ނޭޝަނަލް ހިއުމަން ރިސޯސް ކޮންވެންޝަން އެންޑް އެކްސްޕޯ 2022 ހުޅުވުމުގެ ރަސްމިއްޔާތުގައި -- ފޮޓޯ: ރައީސް އޮފީސް

މުއައްސަސާއަކަށް ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމަންޓަކީ އިންސާނީ ރައުސްމާލު ތަރައްގީކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ދެވަނަ ނޭޝަނަލް ހިއުމަން ރިސޯސް ކޮންވެންޝަން އެންޑް އެކްސްޕޯ 2022 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ކޮވިޑް ބަލިމަޑުކަމާއެކު މަސައްކަތުގެ މާހައުލުގައި އަގުހުރި ފިލާވަޅުތަކެއް ދަސްވެގެން ދިޔަ ކަމަށެވެ. އެގޮތުން ޓެކްނޮލޮޖީގެ ބޭނުން ހިފައި ރޫޓީން މަސައްކަތްތައް ފުރިހަމަކުރެވޭނެ ކަމަށާއި، އުފެއްދުންތެރިކަން ކުރިއެރުވުމަށް ކޮންމެ މުވައްޒަފަކު މޭޒުދޮށުގައި އިށީންނަން ނުޖެހޭނެކަން ދަސްވެގެން ދިޔަކަން އެމަނިިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑް ބަލިމަޑުކަމުން ލިބުނު އަނެއް ފިލާވަޅަކީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، ދުޅަހެޔޮކަމަކީ ވެސް އެމީހުންގެ ޖިސްމާނީ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ކަމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އާންމު ހާލަތަށް ރުޖޫއަވާއިރު އެ ބަލިމަޑުކަމުން ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށެވެ.

އެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ، އިންސާނީ ވަސީލަތްތަކާއި، ހުނަރު ތަރައްގީކުރުމާ ގުޅޭ އީޖާދީ މަޝްވަރާތައް މިހާރު ކުރިއަށްވުރެ މާ މުހިންމު ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންސާނީ ގާބިލުކަން އިތުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި، ޒުވާން ފަންނުވެރިންނަށް ތައުލީމީ ރޮނގުން ކުރިއަށް ދިއުމަށް ބޭނުންވާ ގިނަ ހިލޭ އެހީތަކާއި، ސްކޮލާޝިޕްތަކާއި، ލޯނުގެ ފުރުސަތުތައް ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް، ރަނގަޅު ތައުލީމެއް، ހަމައެކަނި އިންސާނީ ރައުސްމާލެއް ތަރައްގީ ކުރުމަކުން ނުފުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަށް، މަސައްކަތުގެ މާހައުލުގައި، އެމީހުންގެ އިތުބާރާއި، ލީޑާޝިޕާއި، ފަންނީ ހުނަރު ބިނާކުރުމުގެ ފުރުސަތުތަކެއް ލިބިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. އެެ މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ނައިބު ރައީސް ވަނީ، މުވައްޒަފުންނަށް ރައްކާތެރި އަދި ފަހި މާހައުލެއް ކަށަވަރުކޮށްދިނުމަށް އެ ކޮންވެންޝަނުގެ ހުރިހާ ބައިވެރިންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.