މަރާލާފައިވާ ނޫސްވެރިޔާ، އަހްމަދު ރިޟްވާންގެ ބައްޕަގެ އިންޓަވިއުއެއް ޗެނަލް 13 އިން ނެގުމުން، އޭނާގެ ދައްދަ ފާތިމަތު ޝެހެނާޒް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޝެހެނާޒް ބުނީ އޭނާގެ ބައްޕައަކީ މިހާރު ބަލި މީހެއް ކަމަށާއި، ކަންކަން އެންމެ ރަނގަޅަށް ހަނދާން ވެސް ނުހުން ކަމަށެވެ. އަދި އާއިލާގެ އެހެން ބަޔަކަށް އެންގުމެއްވެސް ނެތި ޗެނަލް 13 އިން ބައްޕަގެ އިންޓަވިއުއެއް ނެގީ ބައްޕަގެ ބަލި ހާލަތާމެދު ކުޑަކޮށްވެސް ރިއާޔަތް ކުރުމެއް ނެތި ކަމަށް ޝެހެނާޒް ބުންޏެވެ.
ޗެނަލް 13 އިން އިންޓަވިއު ނެގީ ވަކި ސިޔާސީ ވިސްނުމެއްގައި ކަމަށާއި، އެއީ ދަށު ދަރަޖައިގެ ކަމެއް ކަމަށް ބުނެ ޝެހެނާޒް ވަނީ އާއިލާގެ ފަރާތުން ކަންބޮޑުވުން ާޅުކޮށްފައެވެ.
އޭނާ އިތުރަށް ބުނީ ރިޟްވާންގެ މައްސަލާގައި ސަރުކާރާއި ކޮމިޝަނުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެ މަސައްކަތްތައް އާއިލާއިން ބަލައިގަންނަ ކަމަށެވެ.
ރިޟްވާން މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބަށް ބަލާއިރު، މަރު ކޮމިޝަނުން ވަނީ 200 އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްފައެވެ. އަދި ބޭރުގެ ފައިނޭންޝަލް އެކްސްޕާޓެއްގެ އެހީގައި މާލީ މުއާމަލާތްތައް އެނަލައިޒްކޮށްފައެވެ. މަރުތަކަށް އިންސާފު ހޯދުމުގާ އުންމީދު ކުރިވަރަށް ވުރެ މާބޮޑުތަން ލަސްވެފައިވާއިރު، ރިޟްވަން މައްސަލައިގެ ފުރިހަމަ ތަހުގީގު ރިޕޯޓެއް މިއަހަރު މެދުތެރެއަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.