"އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތައް ރޫޅާލުމުގައި ބާރުގެ ބޭނުން ކުރާތީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ކަމަށްވާ އެމްނެސްޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރޭ މާލޭގައި ބޭއްވި 'އިންޑިއާ އައުޓް" މުޒާހަރާގައި މުޒާހަރާގެ ބައިވެރިއަކު ފަހާ ސިފައިންގެ މީހަކު ދުވާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އެމްނެސްޓީން ވަނީ އެފަދަ މުޒާހަރާތައް ރޫޅާލުމުގައި ބާރުގެ ބޭނުންކުރުން ކުށްވެރިކޮށްފައެވެ. އަދި އެކަން ތަހުގީގު ކުރުމަށް ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

އެމްނެސްޓީން އިތުރަށް ބުނީ ރާއްޖޭގައި ސުލްހަވެރި މުޒާހަރާކުރާ ފަރާތްތަކާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ރިޕޯޓްތަކާއި، އެކަމުގެ ވިޝުއަލްތައް ލިބެމުންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލުތައް ހިފެހެއްޓުމުގެ ނަމުގައި ރާއްޖޭގައި މުޒާހަރާކުރުމުގެ ހައްގު ހަނިކޮށް ދާދިފަހުން ނެރުނު ގަރާރާމެދު ވެސް އެ ޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ޖަމްއިއްޔާއިން ވަނީ ސުލްހަވެރިކަމާއެކު މުޒާހަރާކުރުމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގަށް އެއްވެސް ހުރަހެއް އެޅޭނަމަ އެ ހައްގަކީ، އެ ހައްގަކާ އެއްވަރަށް، ބޭނުންތެރި، އަދި ގާނޫނުން ލިބިދޭ ހައްގަކަށް ހެދުމަށް، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފަށާފައިވާ ހަރަކާތެކެވެ. ނަމަވެސް މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފައެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި އިންޑިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގާލުމުގެ ނިޔަތުގައި ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށެވެ. އަދި އެ ހަރަކާތަކީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެއްކަމަށް ގަރާރުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.