ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމްކުރާއިރު މަޝްރޫއާއި ގުޅޭގޮތުން އައްޑޫ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުންވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގާ 'އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' މަޝްރޫއުގެ ދަށުން އައްޑޫގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ޖުލައި މަހުގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ އާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައެވެ.
އެ މަޝްރޫއުގެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) މަރުހަލާގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެ މަޝްރޫއާއި ގުޅޭގޮތުން އައްޑޫ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުންވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ހިޔާލާއި ޝަކުވާ ހުށަހެޅުމަށް އެ މިނިސްޓްރީން ހުޅުވާލީ ގޫގުލް ފޯމެއް މެދުވެރިކޮށެވެ.
އައްޑޫސިޓީ ގައި ގާއިމްކުރެވޭ ނުރައްކާތެރި ކުނި ރައްކައުކޮށް މެނޭޖްކުރެވޭ މަރުކަޒު ގާއިމްކުރުމުގެ މަޝްރޫޢުއާންމުން ދެކޭގޮތް ދެނެގަތުމުގެ ސަރވޭ https://t.co/1cMuqFzkko
— Min. of Environment, Climate Change and Technology (@MoEnvmv) May 20, 2022
ހިޔާލާއި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މިމަހު 26 ވާ ބުރާސްފަތި ދުވަސް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އިތުރަށް ބުނީ އައްޑޫ ސިޓީގައި ދެ އަދި ފުވައްމުލައް ސިޓީގައި ހުރި ޕީސީބީ ހިމެނޭ ކަމަށް ބެލެވޭ 1979ގެ ކުރިން އުފައްދައި ރާއްޖެއަށް އެތެރެކޮއްފައިވާ 16 އާލާތެއް ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް ބޭރު ފެސިލިޓީއަކަށް ފޮނުވުމުގެ ކުރިން އެ ފެސިލޓީގައި ސްޓްރޯ ކުރެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އެ މަރުކަޒު ވެގެންދާނީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި އުފެދޭ ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ ފެސިލިޓީއަކަށް ކަމަށެވެ.
އެ މަސައްކަތަކީ ރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެޝަން އޮން ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސްގެ ދަށުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށް ވެގެންދާނެ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.