އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާއިން ފާސްކޮށްފިއެވެ.
މިއީ އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅި އެންމެ ބޮޑު ޢަދަދެވެ.
ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި 556 ހިއްސާ ދާރުންގެ ތެރެއިން 326 ހިއްސާ ދާރުންގެ ވޯޓާއެކުގައެވެ. ދެކޮޅަށް ވޯޓު ދިނީ 257 ހިއްސާދާރުންނެވެ.

އެމްޓީސީސީގެ 2021 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން
އެމްޓީސީސީގެ ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގައި ހިއްސާ ދާރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކެވެ.
އެމްޓީސީސީން ވަނީ މި ޖަލްސާގައި 2021ވަނަ އަހަރުގެ ޔައުމިއްޔާ ފާސްކޮށްފައެވެ. އަދި ކުރިއަށްއޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕްރައިސް ވޯޓަރ ހައުސްކީޕަރއެވެ. އެ ކުންފުނިން ހުށައަޅާފައިވަނީ 478،590 ރުފިޔާއެވެ.
އެމްޓީސީސީގެ އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރަކަށް ހޮވާފައިވަނީ މުހައްމަދު އިމްރާން އަދުނާނާއި ނަސްރަތު މުހައްމަދެވެ.
އެމްޓީސީސީން މިދިޔަ އަހަރު ނިންމައިލީ ރެކޯޑް ފައިދާއަކާއެކުގައެވެ. އެގޮތުން އެކުންފުންޏަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު 224 މިލިއަން ރުފިޔާ ވަނީ ލިބިފައިވާއިރު އޭގެ ކުރީ އަހަރު ލިބުނީ 190.69 މިލިއަން ރުފިޔާ އެވެ. އެފަހަރު ހިއްސާއަކަށް ބެހީ ތިން ރުފިޔާއެވެ.