ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަށް ޒިޔާރަތްކުރައްވައި، އެއަރޕޯޓުގައި ހިނގަމުންދާ ތަރައްޤީގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވީ.އައި.އޭ އަށް ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެއަރޕޯޓުގެ ބައެއް ސަރަޙައްދުތަކަށް ވަޑައިގެން، އެއަރޕޯޓުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއަރޕޯޓުގެ އައު ސީޕްލޭން ޓަރމިނަލް، ފަޔަރ ސްޓޭޝަން، ޕެސެންޖަރ ޓަރމިނަލް ބިލްޑިންގ، ކާގޯ ޓަރމިނަލް އަދި ފިއުލް ފާމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ރައީސް އޮފީހުން ބުނީ އައު ސީޕްލޭން ޓަރމިނަލުގެ މަސައްކަތުގެ 99.9 އިންސައްތަ ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ރިސޯޓު ލައުންޖް އޮޕަރޭޓަރުންގެ ލައުންޖްތަކުގެ ފިޓްއައުޓްގެ މަސައްކަތްތައް ކަމަށެވެ. އަލަށް ޤާއިމްކުރާ ފިޔުލް ހައިޑްރަންޓް ސިސްޓަމުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ބޭނުންކުރަމުންދާ ރަންވޭގެ ދަށުން ދާންޖެހޭ ފިޔުލް ހައިޑްރަންޓް ލައިން އެޅުމުގެ އިތުރުން ކޮމިޝަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.

ވީ.އައި.އޭގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފިއުލް ފާމުގެ 95 އިންސައްތަ މަސައްކަތް ނިމި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި އިލެކްޓްރިކަލް އަދި ފަޔަރ ފައިޓިންގ ސިސްޓަމްތަކާއި، ސެކިޔުރިޓީ އާއި ސީސީޓީވީތައް ކޮމިޝަންކޮށް ޓެސްޓުކުރުން ހިމެނޭ ކަމަށާ މިއާއެކު ފިޔުލް ސިސްޓަމްތައް ޓެސްޓްކޮށް ކޮމިޝަންކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން ޤާއިމްކުރި ލޭންޑްސައިޑް ފިއުލިންގް ސްޓޭޝަންގެ މަސައްކަތްތައް ނިމިފައިވާއިރު، ކަރަންޓް ޓެސްޓު ކުރުމާއި މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު މި ހިނގާ މޭ މަހުގެ ނިޔަލަށް މި ސްޓޭޝަން ބޭނުންކުރަން ފެށޭނެކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ އެއަރޕޯޓުގެ ކާގޯ ޓަރމިނަލުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. ޓަރމިނަލުގެ އެތެރޭގެ ފެންސް ޖެހުމުގެ އިތުރުން، ފިނިޝިންގެ ބައެއް މަސައްކަތްތަކާއި މެޝިނަރީ އިންސްޓޯލްކުރުމާއެކު އައި.ސީ.ޓީ ނެޓްވަރކް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައި އެބަހުރި ކަމަށާ ޓަރމިނަލް ފުރިހަމަކުރުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ދަތިކަމާއެކުވެސް ސެޕްޓެންބަރު މަހުގެ މެދުތެރެއަށް ޓަރމިނަލް ޓެސްޓުކުރެވި ކޮމިޝަންކޮށް ނިންމާލެވޭނެކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ޓަރމިނަލާއި އިންވެގެން ތަރައްޤީކުރެވެމުންދާ ކާގޯ ހާބަރުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި އައު ޕެސެންޖަރ ޓަރމިނަލް މަޝްރޫޢުގެ 30 އިންސައްތަ މަސައްކަތް ކުރިއަށްގޮސްފައިވާއިރު އެ ޢިމާރާތް އިތުރަށް ފުރިހަމަކުރުމަށް ގެނެވުނު ބަދަލުތަކަކާއެކު މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.