ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި

ކުނި މެނޭޖްކުރުމާބެހޭ ޤަވާއިދާ އެއްގޮތަށް، އަންނަ މަހުން ފެށިގެން، ކުނީގެ އެކި ބާވަތްތައް ވަކިން ބަންދުކުރުން ތަންފީޒުކުރަން ފަށާނެކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ކަމަށެވެ.

ވެމްކޯއިން ބުނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ގޭބިސީތަކުން އުކައިލަން ނެރޭ ކުނި ހުންނަން ޖެހޭނީ ބައިތައް ވަކިކޮށްފައި ކަމަށާ އެނޫން ގޮތަކަށް ނެރޭ ކުނި އުކައިލަން ހަވާލުނުވުމުގެ އިޚުތިޔާރު، ކުނިމެނޭޖްކުރުމުގެ ގަވައިދުން އެކޯޕަރޭޝަނަށް އޮންނާނެ ކަމަށެވެ.

މިގޮތުން 2022، ޖޫން 1 ވަނަ ދުވަހުން ފެށިގެން އުކާލުމަށް ތައްޔާރުކުރާ ކުނި ހުންނަވަންވާނީ ބަޔާންކުރެވިފައިވާ އުސޫލުން ވަކި ކުރެވިފައެވެ. މިބާވަތްތައް ބަންދުކުރުމުގައި އެއްކުނީގެ ބާވަތް އަނެއް ކުންޏާއި އެއް ނުވާނޭހެން، ވަކި ކޮތަޅުގައި ބަންދުކުރުމަށް ސަމާލުވުމަށް ދަންނަވަމެވެ."

ވެމްކޯއިން ވަނީ ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނިތައް އުކުމަށް އެ ކޯޕަރޭޝަންގެ ކެޕްސް ޚިދުމަތް ހޯދުމަށް އިލްތިމާސްކޮށްފައެވެ. އަދި ވެމްކޯއަށް ގޮސް ކުނި އުކާލާ ފަރާތްތަކާއި މާލެ ސަރަޙައްދުން ބޭރުން ގެންނަ ކުނިތައްވެސް ބައިބަޔަށް ވަކިކުރުމަށްފަހު ގެނައުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހްގައިވާގޮތުން ހުރިހާ ރަށެއްގައިވެސް، ކުނި އުފައްދާ ފަރާތުން އެ ކުނި މެނޭޖުކުރުމަށް ދާ ޚަރަދަށް ޤާނޫނީގޮތުން ޒިންމާ ވާން ޖެހޭނެއެވެ. އަދި ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ނެރޭ ކުނި ވަކިކޮށްފައި ބަހައްޓަންޖެހޭނެ ބައިތައްވެސް ހިމަނާފައިވެއެވެ. އެގޮތުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން އަދި އެހެނިހެން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ 4 ބަޔަކަށް ވަކިކޮށްފައެވެ. އަދި މާލޭ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ 3 ބަޔަކަށް ވަކިކޮށްފައެވެ.

ވެމްކޯއިން އިތުރަށް ބުނެފައިވަނީ ކުނި ވަކިކުރުމަކީ ދުނިޔޭގެ ތަހުޒީބީ ގިނަ މުޖްތަމައުތަކެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ތެރެއިން ކާމިޔާބުކަމާއެކީ ތަޖުރިބާކޮށްފައިވާ ކަމެއް ކަމަށާއި މިގޮތުން މި ގެނެވޭ މި ބަދަލާއިއެކު، އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ރީސައިކަލްކޮށްގެން އިތުރު ނަފާއެއް ހޯދުމުގެ ފުރުސަތު ލިބުމާއި، މެނޭޖްކުރަން ޖެހޭ ކުނީގެ އަދަދު ނިސްބަތުން މަދުވުމުގެ އިތުރުން، ދެމެހެއްޓެނިވި އުސޫލަކުން ކުނި މެނޭޖްކުރުމަށް އިތުރު ލުއި ފަސޭހަތަކެއް އެ ކޯޕަރޭޝަނަށް ލިބިގެންދާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.