މިދިޔަ މާޗު މަހު އިންޑިއާ މަގުން ރާއްޖެ އަށް އެތެރެކުރި 12 ކިލޮ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެމީހަކަށް ދައުވާކޮށްފިއެވެ.
ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ ނ. ވެލިދޫ / މަރިޔާޒް، މުޙައްމަދު ޢަބްދުއްލަޠީފް (30އ) އާއި، އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) ގެ އިތުރުން ބަނގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ކަވްސަރު އަލަމް (30އ) އެވެ.
ފުލުހުން ބުނީ މި ކަމުގައި އިސްކޮށް އުޅެފައި ވަނީ އިންޑިއާގެ ސްމޭޝް ކަމަށެވެ. އޭނާ އަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެއް ކަމަށް ފުލުހުން ބުނެއެވެ. ޕީޖީ އޮފީހުން މިއަދު ބުނިގޮތުގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ވަނީ ކޮށްފައެވެ. އެއީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި، މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.
ސުމޭޝް އަކީ މީގެ ކުރިން ވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއް ކަމަށާއި އެ މައްސަލަ މިހާރުވަނީ ކޯޓުގައި ކަމަށް ވެސް އޭރު ފުލުހުން ބުނެފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކުރި މުހައްމަދު އަބްދުލްލަތީފްގެ މައްޗަށް ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާކޮށްފައިވާއިރު ދެން ހައްޔަރުކުރި ބަންގްލަދޭޝް އަށް ނިސްބަތްވާ ކަވްސަރު އަލަމް އަށް ދައުވާކުރެވޭ ވަރަށް ހެކި ނެތުމުން ނާ ދިވެހިރާއްޖެ ނާދެވޭގޮތަށް ޑީޕޯޓްކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަންގައި ދެންނެވުމަށް ފުލުހުންނަށް ލަފާދިން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި ދެން ތުހުމަތުވާ ގ. ޕާކަރހައުސް ހުސައިން ޞަބާހްގެ ބައި އިތުރަށް ތަޙްޤީޤުކުރުމަށް ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާ ކަމަށެވެ.