ހައްޖަށް ގެންދިއުމުގައި ހިޔާނާތްތެރިވެއްޖެނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އުސޫލެއް އެކުލަވާލާ، އިސްލާމިކް މިނިސްޓްރީން ގެޒެޓުކޮށްފިއެވެ.
އިއްޔެ ގެޒެޓުކުރި އެ އުސޫލުގައިވާ ގޮތުން، ހައްޖަށް ގެންދާ ކުންފުނީގެ އިހުމާލުން ހައްޖަށްދާ އެއްވެސް މީހަކަށް ހައްޖުގެ އަޅުކަން އަދާ ނުކުރެވިއްޖެނަމަ، ނުވަތަ ހައްޖަށް ގެންދަން މީހެއްގެ އަތުން ނަގާ ފައިސާއަށް އިހުމާލުވެއްޖެނަމަ، 75،000 ރުފިޔާއާއި 5 ލައްކަ ރުފިޔާއާ ދމެެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ހަމައެއާއެކު ހައްޖަށް ގެންދިއުމުގައި އަމަލުކުރާ އެހެނިހެން ކަންކަމުގައި ވެސް ޖޫރިމަނާ ކުރެވޭ ގޮތަށް އެ އުސޫލުގައިވެއެވެ. އެގޮތުން އެ އުސޫލުގެ ދަށުން ފުރިހަމަކުރަން ޖެހޭ އިދާރީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށްފިނަމަ 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ،
އަދި އުސޫލާ ހިލާފަށް އަމަލުކޮށްފިނަމަ 30،000 ރުފިޔާއާއި 1 ލައްކަ ރުފިޔާއާ ދެމެދުގެ އަދަދކުން ޖޫރިމަނާ ކުރެވޭނެއެވެ. އެ އަދަދުން ޖޫރިމަނާ ކުރާ ކަންތައްތަކުގެ ތެރޭގައި އުސޫލާ ހިލާފަށް ހައްޖުވެރިން އަތުން ފައިސާ ނެގުމާއި، ކޮށްގެން ނުވާނެ ކަމަށް ކަނއަޅާފައިވާ ކަމެއް ކުރުމާއި، ސުލޫކީ މިންގަނޑާ ހިލާފުވުމާއި، ހައްޖުވެރިއާއާ ދެމެދު ވެވޭ އެގްރީމަންޓާއި ހައްޖުގެ ހުއްދައަށް އެދި ހުށަހެޅި ޕްރޮޕޯޒަލް ފޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ހައްޖުވެރިޔާއަށް ފުރިހަމަ ކޮށް ނުދިނުން ހިމެނެއެވެ.
ރާއްޖެއިންހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން ވަނީ ހައްޖަށް މީހުން ގެންދިއުމާ ގުޅޭ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމަށް، އިސްލާމިކް މިނިސްޓްރީގެ ދަށުން "މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް" ގެ ނަމުގައި އާ އޮފީހެއް ހަދަން ވެސް ނިންމާފައެވެ. އެ އޮފީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ހައްޖު މޫސުމުގައި ހައްޖުގެ ކަންތައްތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ ވުޒާރަތުލް ހައްޖު ވަލް އުމްރާ އާއި އެ ގައުމުގެ ރަސްމީ އެހެން އިދާރާތަކާ ގުޅިގެން ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ހަމަހަމަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެވެ. އަދި ހައްޖު މިޝަން ގާއިމުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރުމާއި ހައްޖު މިޝަނަށް ބޭނުންވާ ފާސްތައް ހެއްދުންވެސް ހިމެނެއެވެ.