އަޟުހާ އީދާ ދިމާކޮށް މޯލްޑިވިއަނުން މެލޭޝިއާ އަށް ޚާއްސަ ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.
މޯލްޑިވިއަނުން ބުނީ އަޟުހާ އީދަށް ހާއްސަ ދަތުރުތަކަށް ވިއްކުމަށް ހަމަޖެހިފައިވަނީ 200 ޓިކެޓް ކަމަށާ ދެކޮޅު ޓިކެޓުގެ އަގަކީ 399 ޑޮލަރު ކަމަށެވެ.
މި ފެއާގެ ދަށުން މެލޭޝިއާށް ދަތުރުކުރަން ހަމަޖެހިފައި ވަނީ ހަތަރު ފްލައިޓެވެ. އެގޮތުން ފްލައިޓުތައް ބާއްވަނީ 8 ޖުލައި، 15 ޖުލައި، 22 ޖުލައި އަދި 29 ޖުލައިގައެވެ.
މެލޭޝިއާ އިން މާލެ އައުމަށްފަހު އަނބުރާ މެލޭޝިއާ އަށް ދާން ބޭނުންވާ މީހުންނަށް ވެސް މިދަތުރުތަކުގައި ހާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފަ އެވެ. އެގޮތަށް ދަތުރުކުރާ ޕަސެންޖަރުންނަށް ދެކޮޅު ޓިކެޓް ވިއްކަން ނިންމާފައިވަނީ 363 ޑޮލަރަށެވެ.
މޯލްޑިވިއަނުން ބުނީ މިފަދަ ފެއާއެއް ބާއްވަން ނިންމީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލުމަށް ފުރުސަތު ހޯދައި ދިމުނަށްކަމަށާ މިއީ މެލޭޝިއާގައި ތިބި ދިވެހީން ވެސް ރާއްޖެ އައިސް އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.
ނިމިގެން ދިޔަ ފިތުރު އީދު ބަންދާ ދިމާކޮށްވެސް މޯލްޑިވިއަންގެ ހާއްސަ ދަތުރެއް މެލޭޝިއާ އަށް ކޮށްފައިވެ އެވެ. މިދަތުރުގެ ވެސް ދެކޮޅު ޓިކެޓް ވިއްކީ 399 ޑޮލަރަށެވެ.