ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމީ އިޖުރާއަތްތަކާ ހިލާފަށް ނޫން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން މިހެން ބުނެފައި ވަނީ އެ ދެ ފަނޑިޔާރުންނާ މެދު އެ ކޮމިޝަނުން ތަހުގީގުކުރި ގާނޫނުއަސާސީއާ ހިލާފަށް ފްލެޓް ހޯދި މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އިޖުރާއަތާ ހިލާފަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމަވާފައިވާތީއެވެ.

ޖުޑިޝަރީ ކޮމިޓީން ފާހަގަކޮށްފައިވާ އެއް ކަމަކީ މައްސަލައިގެ ސީޣާއާ ނުގުޅޭ ކަންތައްތަކަކަށް ރިއާޔަތްކޮށްފައިވުމެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރު އަބްދުއްރައޫފާއި ފަނޑިޔާރު ހަމީދުއާމެދު އެ ކޮމިޝަނުން ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ މައްސަލަ ރައްދުވާ ފަނޑިޔާރުން ގާނޫނުއަސާސީއާ ގާނޫނާ ހިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ ކަމަށެވެ.

އަދި މައްސަލައިގެ މައިގަނޑު ނިންމުމަކީ ވިހިހާސް ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިން މިނިސްޓްރީ މެދުވެރިވެ މާލެއިން ފްލެޓް އެ ދެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ހޯދާފައިވާތީ، އެކަން އެ ގޮތުގެ މަތިން ހިނގާފައިވާކަން ސާބިތުވާ ކަމަށާއި، މައްސަލައިގެ ސީޣާއިން ނުވަތަ މައުލޫއިން ބޭރުން އެއްވެސް ކަމެއް ތަހުގީގުކޮށް ގޮތް ނިންމާފައި ނުވާ ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީން ފާހަގަކުރި އަނެއް ކަމަކީ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަމަށެވެ. އެކަމާ ގުޅޭގޮތުން ޖޭއެސްސީން ބުނީ މައްސަލަ ނިންމަން ފެންނަ ގޮތް ކަނޑައަޅައި ތައްޔާރުކުރާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަކީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ ފަދައިން، ސީދާ ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭ ރިޕޯޓެއް ކަމަށެވެ. ހަމައެއާއެކު ގާނޫނުގައި ބަޔާންކުރަނީ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ނުވަތަ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް ލިޔުމުން އަދި އަނގަބަހުން ޖަވާބުދާރީވުމަށް ފުރުސަތު ދޭން ޖެހޭނެކަމަށެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު އަބްދުއްރައޫފާއި ފަނޑިޔާރު ހަމީދުއާމެދު އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ފަނޑިޔާރުންނާ ހިއްސާކޮށް އެ ރިޕޯޓަށް ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ފަނޑިޔާރުން ހިފައި ޖަވާބުދާރީވެފައި ވެސް ވާ ކަމަށެވެ. ހަމައެހެންމެ، މައްސަލައާ މެދެ ގޮތެއް ނިންމުމުގެ ކުރިން ބާއްވަން ޖެހޭ ފަހުގެ އަޑުއެހުމަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އެ ދެ ފަނޑިޔާރުންނަށް ދީފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބަދާރީވުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި އެގޮތުގެ މަތިން ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމަވައި ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކުރައްވާފައެވެ.

ޖުޑިޝަރީ ކޮމިޓީން ފާހަގަކުރި އަނެއް ކަމަކީ މައްސަލަ ތަހުގީގުކުރަން ދެ ކޮމިޓީއެއް ހަދައި ކޮމިޓީގެ ނިންމުން ބަދަލުވެފައިވާ ވާހަކައެވެ. ފަނޑިޔާރު އަބްދުއްރައޫފާއި ފަނޑިޔާރު ހަމީދުއާމެދު އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ދެ ކޮމިޓީއެއް ހަދާފައި ނުވާ ކަމަށް ޖޭއެސްސީން ބުނެއެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރި ކޮމިޓީގައި ހިމެނޭ މެންބަރަކު ކޮމިޓީން ވަކިވުމުން އެ މެންބަރުގެ ބަދަލުގައި ކޮމިޓީއަށް އެހެން މެންބަރަކު އައްޔަނުކުރި ކަމަށާއި، އެ ކޮމިޓީއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު އަބްދުއްރައޫފާއި ފަނޑިޔާރު ހަމީދުއާމެދު އެ ކޮމިޝަނުން ތަހުގީގު ކުރި، ކުރީގެ ސަރުކާރުން ސީދާ އެންގި އެންގުމުގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ނިންމުމެއް ނެތި، ގާނޫނުއަސާސީއާ ހިލާފަށް ފްލެޓް ހޯދި މައްސަލަ ކުރިއަށް ގެންގޮސް ތަހްގީގުކޮށް ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތްތައް ފުރިހަމަވާ ގޮތަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.