ގަލޮޅު ސްކޫލް

ގަލޮޅު ސްކޫލުގެ މުވައްޒަފަކު އެ ސްކޫލުގެ ދަރިވަރަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ބެލި މައްސަލާގައި ދައުވާ ނުކުރަން ނިންމުމުން، އެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް އެދި ކުއްޖާގެ މައިންބަފައިންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ރިވިއުކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވާއިރު، ކުއްޖާގެ މައިންބަފައިން ވަނީ އެ މައްސަލާގައި މިމަހު 12 ވަނަ ދުވަހު ގަލޮޅު މަދަރުސާއިން ނެރުނު ބަޔާން ދޮގުކޮށްފައެވެ. އެގޮތުން އެ ސްކޫލުގެ ފަރާތުން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެ ސްކޫލުގެ މުވައްޒަފަކާމެދު ކަންބޮޑުވުމެއް ނެތް ކަމަށް ބުނެފައިވާ ވާހަކަ ދޮގުކޮށްފައިވެއެވެ.

އަނިޔާލިބުނު ކުއްޖާގެ މައިނަބްފައިންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ، ސްކޫލުން އެ މައްސަލާގައި އަވަސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި، ސްކޫލުން ފިޔަވަޅު އެޅީ މީޑިއާގައި އެ ވާހަކަ ދެކެވި، އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ކަމަށެވެ. އަދި ސްކޫލުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސްކޫލުގެ އަގު ވެއްޓުން ކަމަށާއި، ތުހުމަތު ކުރެވޭ މުވައްޒަފާމެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ސްކޫލުން މަސައްކަތްކުރީ ވަކި މުވައްޒަފުންތަކެއް މިކަމުން ބަރީއަވެގެންވާކަން ދެއްކުމަށް ކަމަށެވެ.

ހަމައެއާއެކު ހުރިހާ މަރުހަލާއެއްގައި ވެސް ސްކޫލުން މަސައްކަތް ކުރީ ކަމުގެ ފުރިހަމަ މައުލޫމާތު ހާމަނުކޮށް ހަގީގަތް ފޮރުވަން ކަމަށާއި، އެފަދަ ނާޒުކު، ހައްސާސް މައްސަލައެއްގައި ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިންނަށް ސްކޫލުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ލިބިފައި ނުވާކަމުގެ ތުހުމަތު ކުއްޖާގެ މައިންބަފައިން ވަނީ ކޮށްފައެވެ. އަދި އެކަމުގައި ސްކޫލުގެ ސަބަބުން ކުއްޖާގެ މައިންބަފައިންނަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނުއިރު، މިއަދާ ހަމައަށް ވެސް ސްކޫލުން ކުއްޖާގެ މައިންބަފައިންނާ ބައްދަލުކޮށް ނުވަތަ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެެއް ދީފައި ނުވާ ކަމަށް ވެސް ކުއްޖާގެ މައިންބަފައިން ބުނެއެވެ.

މީގެ އިތުރުން ގަލޮޅު މަދަރުސާއިން ނެރުނު ބަޔާނުގައި ވަނީ އެ ސްކޫލުގެ މުވައްޒަފަކާމެދު ކަންބޮޑުވުމެއް ނެތް ކަމަށް ބުނެފައެވެ. އެކަން ދޮގުކޮށް ކުއްޖާގެ މައިންބަފައިން ބުނީ، މިއީ ކުއްޖާގެ ބައްޕަ، ފުލުހުންނަށް ހުށަހެޅި މައްސަލައަކަށްވާއިރު، މިކަމުގައި ސްކޫލާއި، ތުހުމަތު ކުރެވޭ ސްކޫލުގެ މުވައްޒަފާމެދު އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެއާ ހިލާފަށް މައުލޫމާތު ލިބުނީ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކުރި ހަބަރު ކަމަށާއި، އެކަމާ ގުޅިގެން ސްކޫލުގެ އެތައް މުވައްޒަފުންނެއް ސަސްޕެންޑް ކުރި ހަބަރު ކަމަށެވެ.

... ވަކި މީހަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް މިހާތަނަށް ހެކި ހޯދިފައި ނެތުމަކީ ސްކޫލުގައި ކުއްޖާއަށް އަނިޔާ ނުލިބޭ ކަމަށް ނިންމޭނެ ކަމެއް ނޫން

ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމަކީ ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ ޝާމިލުވުމެއް އެ ހާދިސާގައި ނެތްކަން ދަލީލުކޮށްދޭ ކަމެެއް ނޫން ކަމަށް ކުއްޖާގެ މައިންބަފައިން ބުނެއެވެ. ހަމައެއާއެކު ދައުވާ ނުކުރެވޭ ވަރަށް ހެކި ނެތީ ކީއްވެކަން އަދި ކޮން ހެއްކެއް މަދުވެގެންކަން އެއްވެސް ފަރާތަކުން އަންގާފައި ނުވާކަން ފާހަގަކޮށް ކުއްޖާގެ މައިންބަފައިން ވަނީ މައްސަލަ ރިވިއު ކުރުމަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ސްކޫލުގެ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ސްކޫލުގެ މައްޗަށް އޮތް ޒިންމާ އަދާ ނުކުރެވޭ ކަމަށް ކުއްޖާގެ މައިންބަފައިން ބުނެއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެ މައްސަލާގައި ފިޔަވަޅެއް އެޅެން ނެތުމުން، ސްކޫލުގެ މުވައްޒަފުންނާމެދު 'ކަންބޮޑުވުމެއް ނެތް' ކަމަށް ސްކޫލުން ދުށުމަކީ އެ ހާދިސާ ހައްސާސްކަން ސްކޫލަށް ދެނެގަނެވިފައި ނެތް މިންވަރާއި އެކަމުގައި ފަރުވާލެއް ނެތް މިންވަރު އިތުރަށް ދޭހަކޮށްދޭ ކަމެއް ކަމަށް ވެސް ކުއްޖާގެ މައިންބަފައިން ބުނެފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.