ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ: ރައީސް އޮފީސް

މިއަދު މި އިފްތިތާހުކުރި ޗައިލްޑް ސޭފްގާޑިންގ ޕޮލިސީ ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ފެށުމުން، މުޖުތަމައުގައި ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޑަކުދިން ރައްކާތެރިކުމުގެ ސިޔާސަތުގެ ބޭނުމަކީ، ކުޅިވަރުގެ މައިދާންތަކުގައި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން އެކަނި ނޫން ކަމަށެވެ. އަދި އެ ސިޔާސަތު ތަންފީޒު ކުރަން ފެށުމުން، އެ ކުދިންނަށް ލިބެންވާ ރައްކާތެރިކަމާމެދު އެކުދިންގެ ހޭލުންތެރިކަން ވެސް އިތުރުވެގެންދާނެ ކަމަށާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ދާއިރާއިން، ކުޅިވަރުގައި ހަރަކާތްތެރިވާ ބޮޑެތި މީހުން ބާރުވެރިކުރެވިގެންދާނެ ކަމަށެވެ.

ހަމައެއާއެކު އެ ސިޔާސަތުގެ ސަބަބުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ގާބިލްކަން ވެސް އިތުރުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު އިފްތިތާހުކުރެވުނު ސިޔާސަތަކީ މުޅި ރާއްޖޭގައިވެސް ގައުމީ ފެންވަރުގައި ތަންފީޒު ކުރާނެ ސިޔާސަތެއް ކަމަށާއި ހުރިހާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް އަމަލުކުރާނެ ސިޔާސަތެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިފަދަ ސިޔާސަތެއް އެކުލަވައިލުމަށްފަހު، ދެން އޮންނަ އެންމެ މުހިންމު ކަމަކީ، އެ ސިޔާސަތު ތަންފީޒު ކުރުން. އެކަމުގައި މުޅި މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ވަރަށް ފަހަކާ ޖެހެންދެން އަޅުގަނޑުމެންގެ ތެރޭގައި، ކުޑަކުދިންގެ ކުޅިވަރުތައް ރޭވިފައި އޮތީ އެކުދިންގެ ހުސް ވަގުތު ފުރައިލަދޭ ކަމެއްގެ ގޮތުގައި، ނުވަތަ އެ ކުދިންގެ ފޫހިފިލުވައިދޭން ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ކުޅިވަރުތަކުގައި ކުޑަކުދިން ބައިވެރިކުރުމަކީ، އެއަށްވުރެ މާ މަތިވެރި މަގުސަދެއް އޭގައިވާ ކަމެއް ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެއީ އެ ކުދިންގެ ޖިސްމާނީ ހަށިހެޔޮކަމާއި، ނަފްސާނީ އަދި ސިއްހީ ދުޅަހެޔޮކަން ހޯދައިދިނުން ކަމަށެވެ. އަދި އެކުދިންގެ ވިސްނުމުގެ ފެންވަރު މަތިކުރުމަށް އެހީތެރިވެދިނުން ކަމަށެވެ.

މިއަދު އަޅުގަނޑުމެން މި ފަށަނީ އެކަމުގައި ވެސް އިތުރު އެއް ފިޔަވަޅު ކުރިއަށް އަޅަން. އެއީ ކުޅިވަރުގެ މައިދާނުގައިވެސް، އަދި ކުޑަކުދިން ޝާމިލުވާ ގޮތަށް ކުރާ ކޮންމެ ކަމެއްގައިވެސް، އެ ކުދިންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުން.

ރާއްޖޭގެ މިއަދުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހް ވިދާޅުވީ އާންމު މުޖުތަމައުން އެކަހެރިވެ، ކުށުގެ ވެއްޓާ ލާމެހިފައިވާ ކުދިންތަކެއް، މަދުން ނަމަވެސް އެބައުޅޭ ކަމަށެވެ. ހަމައެފަދައިން، މައިންބަފައިންގެ ލޯތްބަށް އެންމެ ބޭނުންޖެހޭ އުމުރުފުރާގެ ކުދިން ވެސް، އެ ލޯބިން މަހުރޫމްވެ، ދައުލަތުގެ ބެލުމުގެ ދަށުގައި ވެސް ތިބިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެފަދަ ކޮންމެ ހާލަތަކީ، އެކުދިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ހުރަސްއެޅޭ ހާލަތެއް ކަމަށެވެ. އަދި އެއީ އެކުދިންނަށް ލިބެންވާ ހަގީގީ ހިމާޔަތާއި ރައްކާތެރިކަން ލިބުމަށް ވެސް ހުރަސްތައް ކުރިމަތިވާ ހާލަތްތަކެއް ކަމަށެވެ.

އެ ހާލަތުގައި އެ ކުދިން ހޭދަކުރާ ކޮންމެ ދުވަހަކީ، އެކަނިވެރިކަމާއި އެކަހެރިކަމުގެ އޮއިވަރުގައި އެ ކުދިން ޖެހެމުންދާނެ ދުވަހެއް.

ރައީސް ސޯލިހް ވިދާޅުވީ އާއިލާއާ އެކުގައި، ގާތްތިމާގެ މީހުންނާ އެކުގައި އުޅޭ ކުދިންނަށް ވެސް، އެތައް ނުރައްކާތަކެއް ކުރިމަތިވާ ކަމަށެވެ. އޭގެ އިތުރުންވެސް، ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރިމަތިވެފައިވާ އެތައް ނުރައްކާތަކެއް، މުޖުތަމައުގައި ހުރިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ކުޑަކުދިން ރައްކާތެރިކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ފެށުމުން، އެފަދަ މައްސަލަތަކަށް ކޮންމެވެސްވަރެއްގެ ހައްލެއް ފެނިގެންދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.