05-01-2022: އިދިކޮޅުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން -- ފޮޓޯ: ޕީޕީއެމް

"އިންޑިއާ އައުޓް" ހަރަކާތް ހިންގާތީ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 48 އަހަތުގެ ފިރިހެނަކާއި، 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އެ ދެ މީހުން ހައްޔަރުކުރީ އިންޑިއާ އައުޓް ހަރަކާތް ރާވާ ހިންގާ ކަމުގެ ތުހުމަތުގައެވެ.

އެގޮތުން "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބާއްވާ، އާންމުކޮށް ފެންނާނޭހެން އިންޑިއާއާ ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީ އެހަރަކާތް ރާވާ ހިންގާ ކަމުގެ ތުހުމަތު އެ ދެމީހުންގެ މައްޗަށް ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

އިންޑިއާ އައުޓް ހަރަކާތް ރާވަ ހިންގާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، "އިންޑިއާ އައުޓް" ލިޔެ މާލޭގެ އެކި ސަރަހައްދުތަކަށް ލިޔުންތައް އަޅަމުންގެންދާ ހަތަރު މީހަކު ދެނެގަނެވިފައިވާ ކަމަށާ އެމީހުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔުމަށް ފަހު ފިލައިގެން އުޅުނު 43 އަހަރުގެ ދިވެއްސަކުވެސް ހައްޔަރުކޮށްފައެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފަށާފައިވާ ހަރަކާތެކެވެ. ނަމަވެސް މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފައެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި އިންޑިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގާލުމުގެ ނިޔަތުގައި ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށެވެ. އަދި އެ ހަރަކާތަކީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެއްކަމަށް ގަރާރުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *