ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅުވައި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް ތުހުމަތުތަކެއް ކުރައްވާ އެމަނިކުފާނު ފޮނުއްވެވި މެސެޖުތައް ތަހުގީގީ އިދާރާއަށް ހުށަހެޅުމަށް، އަނދުން ހުސެއިނަށް ދިނުމަށް މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަކަށް ނަޝީދު ކުރެއްވި މެސެޖުތައް އަނދުން ހުސެއިންއަށް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފައި ވަނީ އެ މެސެޖުތައް ހޯދުމަށް އެދި ހުސެއިން ރައީސް ނަޝީދަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. އެގޮތުން ރައީސް ނަޝީދު ވަނީ އެ ސިޓީއާ ގުޅޭގޮތުން އާންމު ކޮމިޓީގެ ލަފައަކަށް އެދިވަޑައިގެންފައެވެ.
2021، މެއި ހަވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ ކަންކަން ފޮރުވަން ސަރުކާރަށް ވަފާތެރިވާ މަޖިލީސް މެންބަރުންތަކެއް އެބަތިއްބެވި ކަަމަށް ވިދާޅުވެ މަޖިލިހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝިދުވަނީ މެސެޖްތަކެއް ކުރެއްވީ މިމަހު 8 ވަނަ ދުވަހުގެ ރެއެވެ. އެ މެސެޖުތަކުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާއާ ގުޅޭ ތަހުގީގުގެ ކަންކަން ފޮރުވުމަށް އަނދުން ހުސެއިން އުޅުއްވާ ކަމަށެވެ.
މެސެޖުތަކާ ގުޅިގެން، އަނދުން ހުސެއިން ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ އޭނާއަށް ތުހުމަތު ކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަކީ އޭނާގެ ހައްގާއި އިމްތިޔާޒުތަކަށް އުނިކަން އަންނަ ގޮތަށް ދެއްކެވި ވާހަކަފުޅުތަކެއް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގީ އިދާރާއަށް ހުށަހެޅުމަށް ވަޓްސްއަޕް ގްރޫޕުގައި 8 ވަނަ ދުވަހުގެ ރޭ 7:01 އިން 8:26 އަށް ކޮށްފައިވާ މެސެޖުތަކުގެ ކޮޕީއެއް ދިނުމަށް އޭނާ އެދިވަޑައިގެންފައި ވެއެވެ.
މި މައްސަލަ އާންމު ކޮމިޓީން ބެލުމަށްފަހު އެ ކޮމިޓީން ނިންމީ މެސެޖުތައް ދިނުމަށެވެ. އެގޮތުން، އެ ވަޓްސްއަޕް ގްރޫޕަކީ ރަސްމީ ގްރޫޕެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފެއްދުމަށްފަހު ގިނަ މެންބަރުން ގަބޫލުކުރެއްވީ، އެއީ ރަސްމީ ގްރޫޕެއް ކަމަށެވެ. އަދި އެ ބޭފުޅަކު ލިޔުއްވާ މެސެޖުތަކުގެ ޒިންމާ، އެ ބޭފުޅަކަށް ނެގެންވާނެ ކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ.
އަނދުން ހުސެއިން އެދިވަޑައިގެންނެވި ގޮތަށް މެސެޖުތައް ދޭން ކޮމިޓީން ފާސްކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދުގެ އެ ހުށަހެޅުމާއެކު ކޮމިޓީގައި ވޯޓު ނެގުމުން، މެސެޖުތައް ދިނުމަށް ފާސްވީ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.