އުރީދޫ މޯލްޑިވްސް އިން އިސްރަށްވެހިންނަށް ޚައްސަ ޕޯސްޓްޕެއިޑް ޕްލޭނެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ އެކުންފުނިން ތައާރަފްކުރި "އިސްރަހަވެހިޕްލޭން" އަކީ، މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އުރީދޫ އިން ހިންގާ ހަރަކާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕްލޭނެއް ކަމަށެވެ. އަދި މި ޕްލޭނަކީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފަދައިން ދޮށީ އުމުރުގެ މީހުންވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރުއުޅުމަކަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރި ޕްލޭނެއް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫގެ މި ޚާއްޞަ ޕެކޭޖް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ. މިނިސްޓަރު ވިދާޅުވި އުރީދޫގެ ސީނިއަރ ސިޓިޒަން "ޕޯސްޓްޕެއިޑް" އޮފަރއާއި އެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގެ ބައިވެރިވުން އިތުރު ވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި ޕްލޭނާ ގުޅޭގޮތުން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ އިންޓަރނެޓް ވަނީ ވަރަށް ހަލުވިކަމާއެކު ދިރިއުޅުމުގެ އަސާސީ ބޭނުމަކަށްވެފައި ކަމަށާ ޓެކްނޮލޮޖީއަށް މިހާރު ބަރޯސާވެފައި އޮތީ ހަމައެކަނި މުވާޞަލާތު ކުރުމަށް އެކަނި ނޫން ކަމަށެވެ.

މަޢުލޫމާތު ހޯދައި، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދްމަތް ތަކެއް ފޯރުކޮށްދިނުމަށްވެސް ޓެކްނޮލޮޖީ މުހިންމު ރޯލެއް އަދާކުރޭ. އެހެންކަމުން ޑިޖިޓަލް ކުރިއެރުންތަކުގެ މަންފާގައި ހުރިހާ އުމުރެއްގެ މީހުން ޝާމިލުކޮށް ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިއަދު މި ތައާރަފްކުރެވުނު އިސްރަށްވެހިންގެ ޕެކޭޖަކީ އުމުރުން ދުވަސްވީ މީހުނަށް ހާއްސަ ޕެކޭޖެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިހާރަށްވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި އެބޭފުޅުންގެ ބައިވެރިވުން އިތުރުކުރުކޮށް، އާ ފުރުސަތުތަކާ ގުޅުވާލަދިނުން. ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ދޮށީ އުމުރުގެ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން.".

އުރީދޫއިން ބުނީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އަލަށް ތައާރަފްކުރި ޕެކޭޖް ކަމަށްވާ "އިސްރަހަވެހިންގޭ ޕެކޭޖް" މެދުވެރިކޮށް 60 އަހަރާއި މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން %30 ހަމައަށް ޑިސްކައުންޓްގެ އިތުރުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ވައިބާ ބޭނުންކުރުމަށް ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، މި ޕެކޭޖަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ކްލަބް ޕްރިމިއަރ ގޯލްޑް މެމްބަރޝިޕާ އެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ހާއްސަ އޮފަރތައްވެސް ލިބިގެންދާނެއެވެ.

އުރީދޫއިން ބުނީ އިސް ރަށްވެހިންގެ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމުގެ ގޮތުން ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރިވާ މިންވަރު ހަލުވިކުރުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް މިއަހަރުވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމަކީ 2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ތަޢާރަފްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫއިން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކުދި ބޮޑު އެންމެހައި ބޭފުޅުންގެ ދިރިއުޅުމުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމުގެ ފުރުސަތުތަކާއި ގުޅުވާލަދިނުމުގައި އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން އަރުވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.