ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުން މިއަދު ފަށައިފިއެވެ.

މި މަހުގެ 17 އަދި 19 މި ދެ ދުވަހު ބާއްވާ މި ބައްދަލުވުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ބާއްވަމުންގެންދަނީ ވާރޗުއަލްކޮށެވެ. ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ބޭއްވޭ ވޯލްޑް ހެލްތު އެސެމްބްލީގެ ކުރިން ބާއްވާ ބައްދަލުވުމެކެވެ.

މިއަހަރުގެ ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ.ޝާހް ޢަބްދުﷲ މާހިރުއެވެ. މީގެ އިތުރުން ޑިރެކްޓަރ ޖެނެރަލް ފޯ ހެލްތު ސާރވިސަސް ޑރ. އަޙްމަދު އަޝްރަފް އާއި އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ ފާތިމަތު ލިމްޔާ ބައިވެރިވެވަޑައިގެންނަވައެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ކަނޑައެޅިފައިވާ ޚާއްސަ މައުޟޫއަކީ 'ދަ ރޯޑް ޓު ކޯވިޑް-19 ރިކަވަރީ - ލެސަން ލާރންޓް ފޯރ ބިލްޑިންގ ހެލްތު ސިސްޓަމް ރެސިލިއަންސް ޓު އެޑްވާންސް ޔުނިވަރސަލް ހެލްތު ކަވަރޭޖް އެންޑް ގްލޯބަލް ހެލްތު ސެކިއުރިޓީ އިން ދަ ކޮމަންވެލްތު' އެވެ.

މި މަޢުޟޫއާ ގުޅިގެން ދިވެހި ރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ.ޝާހް ޢަބްދުﷲ މާހިރު ވަނީ ތަޤްރީރު ކުރައްވާފައެވެ. މި ތަޤުރީރުގައި އެ މަނިކުފާނުވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ދިވެހިރާއްޖެއިން ކުރެއްވި ބުރަ މަސައްކަތާއި، މިފަދަ ކަންކަމުން އަރައިގަތުމަށްޓަކައި އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކާއި މެދު ވާހަކަފުޅު ދައްކަވާފައެވެ. އަދި މީގެއިތުރުން، ކުދި އަދި މެދު ފަންތީގެ ގައުމުތަކުގެ އިގްތިސާދަށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ނޭދެވޭ އަސަރުތައް ފާހަގަކޮށް މިފަދަ ކަންކަމުން އަރައި ގަތުމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތި ވެދާނޭ މިފަދަ ކާރިސާ ތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.
އަދި މި ބައްދަލުވުމުގައި ކުރިއަށްގެންދިޔަ ބްރޭކްއައުޓް ސެޝަންގައި އެހެން ޤައުމުތަކުން ކޮވިޑް-19 ގެ ޙާލަތު މެނޭޖްކުރުމަށް އަމަލު ކުރަމުންގެންދާގޮތާއި، މިފަދަ ޞިއްޙީ ބޮޑެތި ކާރިސާތަކުގައި ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށްޓައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކޮވިޑް-19 ގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އެކި އެކި އަސަރުތަކާއި އޭގެއިން ރައްކާތެރިވުމަށް ޤައުމުތަކުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންތަށް ފަދަ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މިކަންތައްތަކާއި ގުޅޭގޮތުން ރާއްޖޭގެ ފަރާތުންވެސް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

މިބައްދަލުވުމުގައި ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ އިސް ފަރާތްތަކާއި ދެމެދު ސިއްޙަތާއިބެހޭ ގޮތުން މުހިންމު ބައިނަލް އަގުވާމީ މަޝްވަރާތައް ކުރެވޭނެއެވެ. ދެ ދުވަހަށް ކުރިއަށްދާ މިބައްދަލުވުން ނިމިގެންދާނީ މިބައްދަލުވުމުގެ މައުޟޫއާއިގުޅޭ ’މިނިސްޓީރިލް އައުޓްކަމް ސްޓޭޓްމަންޓް‘ އަށް މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ މެދުގައި އެއްބަސްވެވަޑައިގަތުމަށްފަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.