ތިން ގައުމެއްގެ ސަފީރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސަފިރު ކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ފަތްކޮޅު އެރުވީ ދެކުނު އެފްރިކާ، މިސްރު އަދި އިންޑޮނޭޝިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ތިން ސަފީރުންނެވެ.

އިންޑޮނޭޝިއާގެ ސަފީރު ކަމަށް ކަނޑައަޅާފައި ވަނީ ދޭވީ ގުސްތީނާ ޓޯބިންގ އެވެ.

ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި އިންޑޮނޭޝިއާގެ ސަފީރު ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގާތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

އިންޑޮނޭޝިއާގެ އައު ސަފީރަށް ތަހުނިޔާ ދެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެ ކަމަނާއާ އެކު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ އެއް ސިއްރަކީ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ދޭދޭ ގުޅުންތައް ކަމުގައި ވިދާޅުވިއެވެ. އަދި، އެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުގެ މެދުގައި އިތުރު މަޝްވަރާތައް ކުރުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިންޑޮނޭޝިއާގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެ ޤައުމުގެ ސަފީރާ ސުވާލު ކުރެއްވިއެވެ. އަދި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއާއި، ތަރައްޤީއާއި، ސަރަޙައްދީ ގުޅުންތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ. އަދި، މި ސަރުކާރުގެ ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތާ ގުޅޭ މަޢުލޫމާތު ސަފީރާ ހިއްސާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދިވެހި ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑޮނޭޝިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އިސްލާމްދީނަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭ ސަބަބެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިޤްތިޞާދީ ދާއިރާތަކުގައި މަސައްކަތް ކުރާ އިންޑޮނޭޝިއާ ރައްޔިތުންގެ މަސައްކަތްތަކަށް ވެސް އެ ކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެ ކަމަނާ ދެންނެވިއެވެ.

ދެކުނު އެފްރިކާގެ ސަފީރު ކަމަށް ކަނޑައަޅާފައިވާ ސެންޑިލް އެޑްވިން ޝޯކާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު އެފްރިކާ ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު އެފްރިކާއަކީ ދިވެހިރާއްޖެއަށް މުހިންމު ބައިވެރިއެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ދެކުނު އެފްރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ދެކުނު އެފްރިކާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެ ޤައުމުގެ ޕްރިޓޯރިއާގައި މި ހުޅުވިގެންދާ އެންބަސީ ވެގެންދާނީ މުޅި އެފްރިކާ ބައްރުގައިވެސް ދިވެހި އެންބަސީއެއް ޤާއިމްކުރެވޭ ފުރަތަމަ ފަހަރުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި އެންބަސީ ހުޅުވިގެންދިއުން ވެގެންދާނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޓޫރިޒަމާއި އުމްރާނީ ތަރައްޤީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކުރައްވާފައެވެ. ދިވެހިރާއްޖެއާއި ދެކުނު އެފްރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރެވުނީ 27 ޖުލައި 1994 ވަނަ އަހަރުއެވެ.

މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރު، މާގެދް މުސްލިހާއި އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިޞްރު ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިޞްރު ސަރުކާރުން ރާއްޖެއަށް ތަޢުލީމީ ދާއިރާއިންނާއި މީހުން ބިނާކުރުމުގެ ދާއިރާއިން ދެމުން އަންނަ ފުރުޞަތުތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ. ހަމައެހެންމެ ޚާއްޞަ ގޮތެއްގައި މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށްދެއްވަމުން ގެންދަވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާ މިޞްރުގެ ސަފީރު ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން ސްކޮލަރޝިޕްގެ އިތުރު ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިޞްރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ މިޞްރާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ރާއްޖޭގައި މިހާރުވެސް މިޞްރުގެ ޑޮކްޓަރުންނާއި ޓީޗަރުން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އަހަރުގެ ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރްމުއްޝައިޚް ކްލައިމެޓް ޗޭންޖް ކޮންފަރެންސްއާ ބެހޭގޮތުންނާއި ޚާއްޞަކޮށް ރާއްޖެއަށް މި ބައްދަލުވުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ ޞިއްޙަތާއި، ހަކަތަ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރިމަގުގައި އިތުރަށް ގުޅުންބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއާ މިޞްރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1969 ވަނަ އަހަރުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.