މަތީ ތައިލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައި ދޭން ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 393 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
ލޯނު ސްކީމަށް ބަދަލުތަކެއް ގެނައުމަށް ފަހު ސަރުކާރުން ސްޓުޑެންޓް ލޯނު ސްކީމަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގައެވެ. މި ފުރުސަތުގައި 1،000 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލިއިރު އޭގެ ތެރެއިން ލޯނު ދޫކުރަން ނިންމާފައިވަނީ 393 ދަރިވަރަކަށެވެ.
ލޯނު ސްކީމާ ގުޅޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހަސަން ވިދާޅުވީ ހުޅުވާލި 720 ފުރުސަތަށް އެކި ސަބަބުތަކާހުރެ ކޮލިފައިވެފައިވަނީ ވަރަށް މަދު އަދަދެއްގެ ދަރިވަރުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މަދު ސްލޮޓްތަކަކަށް ގިނަ ދަރިވަރުން ކުރިމަތިލުމާއި ހުށަހެޅުންތައް ފުރިހަމަނުވާތީ މި ފަހަރުވެސް ގިނަ ދަރިވަރުންތަކެއް ޑިސްކޮލިފައިވެފައިވާ ކަމަށާއި އެހެން ނަމަވެސް އެހެން އަހަރުތަކާ ބަލާއިރު ޑިސްކޮލިފައިވި ކުދިންގެ އަދަދު މަދު ކަމަށެވެ.
ކުރިއަށް ވުރެ އިންފޮމޭޝަން ސެޝަންތައް ބާއްވަން، އެޕްލައިކުރަންވާ ގޮތުގެ ތަފްސީލް ކިޔައިދެން، ދަރިވަރުން އެޕްލައިކުރާއިރު އާއްމުކޮށް ހަދާ މިސްޓޭކް ހިއްސާކުރަން. ވަކި މުއްދަތެެއްގެ ކުރިން ކުރިމަތިލިނަމަ އޭގައި ހުރި މިސްޓޭކްތައް ފާހަގަކޮށް ދަރިވަރުންނާ ހިއްސާވެސް ކުރަން. މި ހުރިހާ ކަމެއް ކުރަމުން ދާއިރު ވެސް ޑިސްކޮލިފައިވާ ކުދިން ހުރީމަ ވަރަށް ބޮޑަށް މާޔޫސްވޭ"
ދަރިވަރުންނަށް މާކްސް ދީފައިވާ ގޮތާއި މެދު ހިތްހަމަނުޖެހޭނަމަ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާ ޝަކުވާތައް ބެލުމަށްފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހު ދާއިމީ ނަތީޖާ އިއުލާނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ލޯނު ދޫކޮށްފައިވާ ދާއިރާތަކާއި ދޫކުރި އަދަދު:
- އެމްބީބީއެސް އަށް 25 ފުރުސަތު / 129 ދަރުވަރުން ކުރިމަތިލި
- ޕައިލެޓްކަން ކިޔެވުމަށް 252 ފުރުސަތު / 252 ދަރުވަރުން ކުރިމަތިލި
- ޕީއެޗްޑީއަށް ކިޔެވުމަށް 31 ދަރިވަރަކަށްލޯނު ލިބޭ
މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ތެރެއިން، ލޯނު ދިން އިރުގައި އެންމެ އިސްކަން ދީފައިވަނީ ކޯހުގެ މުއްދަތު އެންމެ ކުޑަ ފަރާތްތަކާއި، މާލީ ގޮތުން އެންމެ ތަނަވަސްކަން ކުޑަ ފަރާތްތަކަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިފަހަރުގެ ސްޓޫޑެންޓް ލޯން ޕްރޮގްރާމަށް ހޮވުނު ދަރިވަރުން މަދުވުމާ ގުޅިގެން ބަޖެޓުކުރި ވަރަށް ވުރެ މަދުން ހަރަދުވެފައިވާ ކަމަށެވެ. އެގޮތުން 21 މިލިއަން ރުފިޔާ އަދިވެސް އެބަހުރި ކަަމަށާ އެ ފައިސާއިން އިތުރު ލޯނުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.