އިތުބާރު ހޯދައި ޖީބަށް ލުއިކުރުމަށް ސްޓެލްކޯއިން ގިނަ މަސައްކަތްތަކެއް!

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މެދުކެނޑުމެއް ނެތި އެތައް މަސައްކަތްތަކެއް ކުރަމުން އަންނައިރު، އޭގެ ތެރެއިން އެންމެ ޒިންމާ ބޮޑު އެއް ކުންފުންޏަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އެވެ. މީގެ 73 އަހަރު ކުރިން "ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީ" ގެ ނަމުގައި ފެށި މި ޚިދުމަތް ފުޅާވެ އިތުރަށް ބޮޑުވެގެން އަންނަ އިރު އެ ކުންފުނީގެ މެންޑޭޓްގެ ތެރެއިން މިހާރު ހަވާލުކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ ރައްޔިތުންނަށް ދޭ ޚިދުމަތުގެ އަގު ހެޔޮ ކުރުމެވެ.

ދާދި ފަހުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަމަށް އައްޔަންކުރެއްވީ އަހުމަދު ޝަރީފް ގެ ވާހަކަ ފައްޓަވަމުން ވެސް ފާހަގަކުރެއްވީ ސްޓެލްކޯ ހިންގުމަށް ކުރަން ޖެހޭ މާ ބޮޑު މަސައްކަތްތަކެއް ނެތް ކަމެވެ. އެކަމަކު ދިގު ތާރީޚެއް އޮތް އެ ކުންފުނިން ދޭ ޚިދުމަތް ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމާއި، ތަރައްގީވަމުން އަންނަ ދުނިޔެއާއި ބޮޑުވަމުން އަންނަ އާބާދީއާ ފައި ހަމަކުރަން އަދިވެސް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމެވެ.

ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ސްޓެލްކޯ ވާއިރު، އެ ކުންފުނީގެ އެންމެ މައި އެއް އަސާސަކަށް ވެފައި ވަނީ ރައްޔިތުންނަށް ދޭ ޚިދުމަތްތަކުން ނަގާ އަގު ކުޑަކުރުމެވެ. މިއީ ކުންފުނީގެ އެންމެ މައިގަނޑު އެއް އަމާޒު ކަމުގައި ބަލައިގެން އެ ކުންފުނިން މިހާރު ގިނަ މަސައްކަތްތަކެއް ފަށައި މުޅި ކުންފުނީގެ ބޮޑު ޕްލޭންތަކެއް ވަނީ ހަދާފައެވެ. ކަރަންޓު ވިއްކައިގެން ލިބޭ ފައިސާގެ މައްޗަށް ބަރޮސާވެފައިވާ އެ ކުންފުނީގެ އަމާޒު މިހާރު ހުރީ އަމިއްލަ ވިޔަފާރިތަކާ ދިމާލަށެވެ.

އަޅުގަނޑުމެންގެ އެއްވެސް ވަރެއްގެ ވިސްނުމެއް ނެތް ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަނުމުގެ އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ހުންނާނީ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުމަށް.

ސްޓެލްކޯގެ މުވައްޒަފުންނަށް ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއިން ތަޖުރިބާ ލިބި އެ ކުންފުނިން ރިއަލް އެސްޓޭޓާ ދިމާއަށް އަމާޒު ހިފި އިރު، ކުންފުނީގައި މިހާރު ވެސް ގާބިލްކަން ހުރެ އެ ކުންފުންޏަށް އޭގެ ބޭނުން ނުކުރެވި ހުރީ ކަމަށް ޝަރީފް ގަބޫލުކުރައްވާ އެތައް ކަމެއް ވެސް ކުންފުނީގައި އެބަހުއްޓެވެ. އެގޮތުން މިހާރު ވެސް އެ ކުންފުނީގެ އަމިއްލަ ފެން އުފެއްދުމުގެ މަސައްކަތް ކުންފުނިން ކުރާއިރު، އޭނާ ގާބުލުކުރައްވާގޮތުގައި މިހާރު ވެސް އެ ވިޔަފާރި ކުރެވޭނެ ގާބިލްކަން ކުންފުނީގައި އެބަހުއްޓެވެ. ސާވިސް ސެންޓަރުތަކާއި ސޭލްސް ސެންޓަރުތަކުގެ އިތުރުން އިސްތިހާރުކުރުމުގެ ކެޕޭސިޓީ ވެސް ސްޓެލްކޯގައި ހުރި އިރު، ޝަރީފް އަމާޒު ހިފާފައި ހުރީ އެ ކުންފުނީގެ ފުލް ކެޕޭސިޓީ ބޭނުންކޮށް ކުންފުންނަށް އިތުރު އާމްދަނީ ހޯދުމާ ދިމާއަށެވެ.

އަޅުގަނޑުމެން މި ވިޔަފާރިތަކަށް މި ވަންނަނީ އެހެން ދިމާތަކުން އާމްދަނީ ހޯދައިގެން ކަރަންޓުން މި ނަގާ އަގު ސަބްސިޑައިޒް ކުރެވޭތޯ. އޭގެ މާނައަކީ ސަބްސިޑައިޒް ކުރެވޭ ވަރުގެ އާމްދަނީއެއް ލިބެން ފަށައިފި ނަމަ، ކަރަންޓުގެ އަގު ކުޑަކުރުމަށް ފުރުސަތު ތަނަވަސްވެގެން ދާނެ.

ކަރަންޓުގެ ޚިދުމަތުގެ އަގުތަކަށް ބަދަލު ގެންނަ އިރު އެ ކުންފުނިން އެންމެ ބޮޑު އެއް ސަމާލުކަމެއް ދީފައިވަނީ އަތޮޅުތެރެއާއި މާލެއާ ދެމެދުގައި އޮތް ފަރަގު ނައްތާލުމެވެ. ބިލު ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ ގިނަ މަސައްކަތްތަކެއް ހިއްސާކުރެއްވި އިރު، ޝަރީފް ވަނީ މައި ދެ ޓާގެޓެއް ހިއްސާކުރައްވާފައެވެ. އެއީ މާލެ ސަރަހައްދުން ބިލު ކުޑަކުރުމާއި، އަތޮޅުތެރެއާއި މާލޭގެ ޓެރިފް އެއްވަރުކުރުމެވެ.

އަޅުގަނޑުމެން އެބަ ވިސްނަން ބިލް ކުރާއިރު އިތުރު ކެޓެގަރީއެއް ލާން ވެސް. އެއީ މިސާލަކަށް އާންމު ޚިދުމަތްދޭ ތަންތަން، ސްކޫލްތައް މިސްކިތްތައް އެކަހަލަ ތަންތަން މި އިންނަނީ ބިޒްނަސް ކެޓެގަރީގަ. މިސާލަކަށް ބަލަމާ ހިނގާ އަތިރިމަތީގައި ހުންނަ ފިނޮ ހޮޅުވަށި. އެހެންވެ މިހާރު އެބަ ވިސްނަން އެކަހަލަ ތަންތަން ވަކި ކެޓެގަރީއަކަށް ލާން.

އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯގެ މި ހުރިހާ ޕްލޭންތަކުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެއެވެ. އަދި އޭގެ ފައިދާ ވެސް ހަމަ އެ އަހަރު ތެރޭގައި ރައްޔިތުންނާއި މުޅި ކުންފުންޏަށް ވެސް ކުރާނެއެވެ. ކުންފުނިން ކުރާ ކޮންމެ މަސައްކަތަކީ ވެސް ރައްޔިތުންގެ އިތުބާރު ހޯދައި ޚިދުމަތް ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %