އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.

މިއަދު މެންދުރު އެމްޑީޕީގެ މައި އޮފީހުގައި ބޭއްވެވި މި ބައްދަލުވުމަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބަށްފަހު ރައީސް ނަޝީދު، މިނިސްޓަރު ފައްޔާޒުއާ ބައްދަލުކުރެއްވެވި ފުރަތަމަ ފަހަރެވެ. މިބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ފައްޔާޒުގެ ޗެއާޕާސަންގެ ދައުރުގައި ޕާޓީ ހިންގުމުގައި އަމަލުކުރައްވާނެ އަދި އިސްކަންދެއްވާނެ ކަންކަމާ ގުޅޭގޮތުން ކަމަށް އެނގިފައިވެ އެވެ.

މިބައްދަލުވުމަށްފަހު ފައްޔާޒަށް މަރުހަބާ ދެންނެވުމުގެ ގޮތުންނާއި މިއަދަކީ ފައްޔާޒުގެ އުފަން ދުވަހަށް ވާތީ އެމްޑީޕީގެ އިދާރީ މުވައްޒަފުން ވަނީ ކޭކެއް ވެސް ފަޅާފަ އެވެ. ޗެއާޕާސަންގެ ގޮތުގައި ފައްޔާޒަކީ މިހާރު އެމްޑީޕީގެ އިދާރީ ހިންގުމުގެ އެންމެ އިސް ބޭފުޅާ އެވެ.

ޗެއާޕާސަންގެ ވޯޓަކީ އެމްޑީޕީގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އިންތިހާބެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކު ފައްޔާޒް ނުކުންނެވި އިރު ނަޝީދުގެ ކެންޑިޑޭޓަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

މިނިސްޓަރު ފައްޔާޒު ވެސް ވަނީ ރައީސް ނަޝީދުގެ އިރުޝާދާއި އެހީތެރިކަމުގައި އެމްޑީޕީއާއި ގައުމުގެ ކުރިއެރުން ގެނައުމަށް މަސައްކަތް ކުރެވޭނެ ކަމުގައި ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ އިންތިހާބުގައި ވޯޓް ދިން މީހުންގެ 58 ޕަސެންޓް ވޯޓާއެކުއެވެ. އިންތިއަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.