ޖީޖީއޭ ވޯކް ޕްރޮގްރާމް އިފްތިތާހުކުރުން ފޮޓޯ: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ބޭނުންވަނީ ދިވެހިން ކުރަމުން އަންނަ މަސްވެރިކަމާއި އެނޫންވެސް މަސައްކަތްތައް ކުރުމުގައި އެމީހުންގެ ގައުމުގައި ގާއިމުވެ ތިބެން ބޭނުންވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "ގްލާސްގޯ-ޝަރްމުއްޝައިޚް ވޯކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތްނުކޮށް ތިބުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑު ކަމުގައި ވިދާޅުވެފައެވެ.

ނައިބު ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވަމުން އަންނަ ޕެންޑަމިކާއި ސަރަހައްދީ ހަނގުރާމަތަކާއި އަދި އެތައް ގޮންޖެހުންތަކަކީވެސް މޫސުމަށް އަންނަ ބަދަލުތަކާއި އެކިގޮތްގޮތުން ގުޅިފައިވާ ކަންތައްތައް ކަމަށެވެ. މީގެ އިތުރުން ރާއްޖެއަކީ ބިންތިރި ޖަޒީރާ ގައުމެއް ކަމުގައިވާތީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުގެ އަސަރު ރާއްޖެއަށް ބޮޑުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ކަނޑުތައް ހޫނުވުމާއި، ޖައްވު ހޫނުވުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވާ ނުރައްކާތަކަށް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ އިންވެސްޓްމަންޓާއި ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް އެނގެން އޮތް ނަމަވެސް އެކަމަށް ސިޔާސީގޮތުން ލިބެންވާ ސަމާލުކަން، ބޭނުންވާ މިންވަރާ ގާތަށްވެސް ނުލިބޭކަމާ، މާލީ އެހީތެރިކަން ލިބެމުން ނުދާކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މިދިޔަ އަހަރު އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަގްރީރުގައި، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަލްސްއިން 2 ޑިގްރީ ސެލްސިއަސްއަށް މަތިވެއްޖެނަމަ އެއީ ރާއްޖެއަށް މަރުގެ އަދަބެއް އިއުލާނުކުރުންކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.

ނައިބު ރައީސް ވަނީ މި އަހަރުގެ ނޮވެންބަރު މަހުގައި ޝަރްމުއްޝައިޚްގައި އޮންނަ ބައްދަލުވުމަށް ދުނިޔޭގެ ގައުމުތަކުން ތައްޔާރުވާއިރު ޕެރިހާއި ގްލާސްގޯގައި ވެފައިވާ ވައުދުތައް ތަންފީޒުކުރެވި، ސިޔާސަތުތަކަކަށް ބަދަލުކުރެވި، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެޑެޕްޓޭޝަނަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ދިވެހިން ކުރަމުން އަންނަ މަސްވެރިކަމާއި އެނޫންވެސް މަސައްކަތްތައް ކުރުމުގައި އެމީހުންގެ ގައުމުގައި ގާއިމުވެ ތިބެން ބޭނުންވާކަމަށާއި އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ބޭނުންވޭ, އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަމާއި ބޭނުންވާ ޓެކްނޮލޮޖީ ހޯދުމުގައި ލުއިގޮތްތަކެއް ހަމަޖެއްސުމާއި ދެމެހެއްޓެނިވި ތަރައްގީއާ ތަފާތުކުރުންތައް ކުޑަކުރުމަށް މަގުފަހިވާގޮތަށް ވިލުންތެރިކަން އިތުރުކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ކުރަންޖެހޭ

ހަމަ އެހެންމެ އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން އިތުރަށް ލަސްވެގެންދިއުމަކީ އެންމެ ނާޒުކު ހާލަތުގައި ތިބި ގައުމުތަކުގެ ރައްޔިތުންނަށް ތަހައްމަލު ކުރެވޭވަރުގެ ގެއްލުމެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން އިތުރުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ފުރުސަތުވެސް، ފިޔަވަޅުތައް ނާޅައި ތިބެފިނަމަ، ކުރިއަށްއޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ގެއްލިގެން ހިނގައިދާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"ގްލާސްގޯ-ޝަރްމުއްޝައިޚް ވޯކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ޕްރޮގްރާމް ކުރިއަށްގެންދަނީ މިމަހުގެ 16 އިން 17އަށް ރާއްޖޭގައެވެ. ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ހިފެހެއްޓުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކުކަން ކުޑަކުރުމަށް މަސައްކަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ޕެރިސް އެގްރީމަންޓުގެ މުހިންމު އަމާޒެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.