މިނިސްޓާ އޮފް އެންވަޔަރަމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްލޮނޮޖީ, އާމިނަތު ޝައުނާ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް 8 ބިލިއަން ޑޮލަރާ ގަތަށް ފަންޑިން ބޭނުންވާ ކަމަށް މިނިސްޓާ އޮފް އެންވަޔަރަމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްލޮނޮޖީ, އާމިނަތު ޝައުނާ ވިދާޅުވެއްޖެއްެވެ.

މިނިސްޓަރު ޝައުނާ އެހެން ވިދާޅުވީ ގްލަސްގޯ-ޝާމް އެލް-ޝެއިޚް ވޯކް ޕްރޮގްރާމް އޮން ދަ ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން (ޖީޖީއޭ) އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވަނީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ތިމާވެށި ހިމާޔަތް ކުރުމަށް ބޭނުންވާ ފަންޑިން ލިބުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.

އެގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ގްރީން ކްލައިމެޓް ފަންޑް ފަދަ ފަންޑުތަކުން އެހީތެރިކަން ހޯދުމަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝައުނާ ވިދާޅުވީ އެފަދަ ފަންޑުތަކުން ފައިސާ ލިބުމަށް ގިނަ އަހަރުތަކެއް ނަގާ ކަމަށެވެ. އަދި ފައިސާ ލިބެނީ ތިމާވެށި ހިމާޔަތް ކުރުމަށް މަޝްރޫއު ހިންގަންވާ ވަގުތު ފާއިތުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ފަންޑުތަކުން އެދެނީ ހިންގަން ބޭނުންވާ މަޝްރޫއަކާ ގުޅޭ ގިނަ ޑޭޓާ ހިއްސާ ކުރުމަށް ކަމަށާއި, ތަރައްގީވަމުން އަންނަ ގައުމުތަކަށް އެގޮތަށް ގިނަ ޑޭޓާ ހޯދާ, ހިއްސާ ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެގޮތުން އެންމެ ފަހުން ރާއްޖެއިން ހުށަހެޅި މަޝްރޫއަށް 30 އަހަރުގެ ޑޭޓާ ހޯދުމަށް ގްރީން ކްލައިމެޓް ފަންޑުން އެދުނުކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝައުނާ ވިދާޅުވީ އެ ޑޭޓަ ހޯދުމަށް އަހަރު ދުވަހާއި އެއް މިލިއަން ޑޮލަރު ހޭދަވި ކަމަށެވެ. އަދި އެއީ  ޑޭޓަ ހޯދުމަށް ހޭދަ ކުރުމުގެ ބަދަލުގައި ތިމާވެށި ހިމާޔަތް ކުރުމަށް އަމިއްލައަށް އިންވެސްޓް ކުރެވިދާނެ ވަގުތާއި ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކަކީ ކުއްލި ނުރައްކަލެއް, އެކަމަށް އިޖާބަދޭން ވާނީ ވެސް ކުއްލި ނުރައްކަލެއް ގިތަށް ދެކިގެން

މިނިސްޓަރު ޝައުނާ ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ބޭނުންވާ ފަންޑިން މިހަރަށްވުރެ ފަސޭހައިން ލިބޭނެގޮތް ހަމަޖައްސާ, ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް އެ ފައިސާ ލިބޭނެ މަގު ހަމަޖެއްސުމަށް ގޮވާލައްވާފައެވެ. އެގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބަޖެޓަށް ސީދާ ގޮތުން އެ ފައިސާ ވައްދާ, އެ ބޭނުންކުރާނެ ގޮތް ގައުމުތަކަށް ދޫކޮށްލަން އޭނާ ގޮވާލެއްވިއެވެ.

އެކަން ކުރުމަށް އާ އީޖާދީ ވިސްނުން ބޭނުންވާކަން ފާހަގަކުރައްވާ މިނިސްޓަރު ޝައުނާ ވިދާޅުވީ އެއީ ކުރަން މުހިންމު ކަމެއް ކަމަށެވެ. އަދި ތިމާވެށި ހިމާޔަތް ކުރަން ބޭނުންނަމަ ފިނިހަކަ ސްޕީޑުގައި މަޝްރޫއަކަށްފަހު މަޝްރޫއެއްގެ ފަންޑިން ހޯދަން މަސައްކަތްކޮށްގެން އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖެއަށް ފަންޑިން ބޭނުންވާކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ރާއްޖެއަށް 8 ބިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ފަންޑިން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއާ ގާތަށް ވެސް ފަންޑް ރެއިޒް ކުރެވިފައި ނުވާ ކަމަށެވެ.

ތިމާވެށި ހިމާޔަތްކޮށް, މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމުގެ ވާހަކަ ދައްކާއިރު, ޖައްވަށް ބޭރުކުރާ ވިހަ ގޭހާ މެދު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ, ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ އަދަދު މަދު ނުކުރެވޭ ނަމަ ތިމާވެށި ހިމާޔަތް ކުރުމަށް ކުރަން ޖެހޭ ހަރަދު ދާނީ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން ކަމަށާއި, އެކަމަށް ސަމާލުވެގެން ނޫނީ ތިމާވެށި ހިމާޔަތް ނުކުރެވޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.