ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ކަލާފާނު ސްކޫލު ގުޅިގެން ހުޅުމާލޭގައި 50 ގަސް އިންދައިފިއެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން ކަލާފާނު ސްކޫލުން އިސްނަގައިގެން ބޭއްވި އެ ހަރަކާތުގައި އެ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިން ގުޅިގެން 50 ގަސް އިންދާފައި ވަނީ ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައެވެ.
އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ ހުޅުމާލެ ފެހިކޮށް, ހިތްފަސޭހަ ތަނަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން މުހިންމު ކަމަށެވެ. އަދި އެކަމުގައި އެޗްޑީސީއާ ގުޅިގެން މަސައްކަތް ކރުުމުގެ ފުރުސަތު ހުރިހާ ސްކޫލުތަކާއި އެންޖީއޯތަކަށް ވެސް އޮތް ކަމުގައި ވިދާޅުވިއެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް -- ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފެހި, ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދެވަނަ ފިޔަހަވީގައި އަލަށް މީހުން ދިރިއުޅެން ފެށުމާއެކި އެ ސަރަހައްދު ފެހި ކުރުމާށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން އެ ކޯޕަރޭޭޝަނުގެ ގްރީން ޓީމުން ތަރުތީބުކޮށްފައިވާ ޕްލޭނެއް އެކުލަވާލާ, މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ފެހި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މުޅި އަހަރަށް ބަލާހައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.