120 ކޮންސްޓްރަކްޝަން ލޭބަރާއިން ހޯދުމަށް އެމްޓީސީސީން މާދަމާ އޯޕެން ޑޭއެއް ބާއްވަން ނިންމައިފިއެވެ.
#ޖޮއިންޓީމްއެމްޓީސީސީ ނަމުގައި ކުރިއަށް ގެންދާ އޯޕެން ޑޭ ބޭއްވުމަށް ހަމަޖެހިފައި ވަނ ީމާދަމާ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އެމްޓީސީސީގެ ހުޅުމާލެ ޓާމިނަލްގައެވެ. އެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ސީވީއާއި އައިޑީކާޑު ކޮޕީއަކާއެކު ހުޅުމާލެ ޓާމިނަލަށް ދިއުމަށް އެމްޓީސީސީން އެދިފައިވާއިރު, އެ ކުންފުނިން ބުނީ މަގާމަށް ހޮވޭނީ ތައުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަމށް ކަމަށެވެ.
އެމްޓީސީސީން ބުނީ އެ ކުންފުންޏަށް ވަރަށް އަވަހަށް ގިނަ އަދަދެއްގެ ލޭބަރާއިން ބޭނުންވާއިރު, އެ ކުންފުނިން ވަޒީފާ ދޭން ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަން ހުރި ދިވެހި މުވައްޒަފުންނަށް ކަމަށެވެ. އަދި އެ ވަޒީފާއަކީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ވަޒީފާއެއް ކަމަށާއި, މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނިން ހުޅުވާލާފައިވާ މަގާމުތަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 10,300 ރުފިޔާއާއި 13,700 ރުފިޔާއާ ދެމެދުގެ މިންވަރެއް ލިބޭނެ ކަމަށެވެ. އެއީ އަސާސީ މުސާރައާއި އިތުރުގަޑީގެ ފައިސާ އަދި އެހެނިހެން އެލަވަންސްތަކާއެކު ޖުމްލަކޮށް މަހެއްގެ މައްޗަށް ޖެހޭނެ އަދަދު ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެ ކުންފުނީގެ ފަރާތުން ކުންފުނިން ކަނޑައަޅާ ސައިޓެއްގައި ހުރުމާއި ކެއުމާއި ސްޓާފް މެޑިކަލް އިންޝޫރަންސް ދިނުމުގެ އިތުރުން ޕެންޝަން ސްކީމްގައި ބައިވެރިކޮށްދޭނެއެވެ.
އެ ވަޒީފާގެ މަސައްކަތު ގަދިއަކޫ ހަފްތާއަކު 6 ދުވަހު – ދުވާލަކު 8-12 ގަޑިއިރާއި ދޭތެރެއެވެ. ކުރަން ޖެހޭ މަސައްކަތަކީ އެމްޓީސީސީން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގައި އަމަލީގޮތުން މަސައްކަތްކޮށް ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުމެވެ. މަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ނުވަތަ ޓާމްސް އެ ކުންފުނީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި އަސާސީ ތައުލީމް ހާސިލްކޮށްފައިވުމާއިއެކު ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާ ނުވަތަ އެ ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުން, ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން އަދި ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައި ވުން ހިމެނެއެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު އެކުންފުނީގެ ހޮޓްލައިން ނަންބަރު, 1650 އަށް ގުޅުއްވުމުން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.