މިނިސްޓްރީ އޮފް ފިނޭންސްގެ ޕަރމަނަންޓް ސެކްރެޓަރީ ކަމަށް އަޙްމަދު ސިރާޖް (ވ. ސިނަމާލެ 4 04-2، މާލެ) ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އައްޔަނުކުރައްވައިފައެވެ.

މަޤާމުގެ ލިޔުން ޙަވާލުކުރުމަށް މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ފިނޭންސް  އިބްރާހީމް އަމީރު އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސްގެ އިސްވެރިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ އިތުރުން މެންބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަޙްމަދު ސިރާޖަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަރން ކުއީންސްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، ޔޫ.ކޭގެ ޔުނިވަރސިޓީ އޮފް ސަންޑަރލަންޑުން ބެޗަލަރ އޮފް ބިޒްނަސް މެނޭޖްމަންޓް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ޕީއެޗްޑީ އިން އިކޮނޮމިކްސް އެންޑް މުޢާމަލާތު އެޑްމިނިސްޓްރޭޝަން އަށް މިހާރު މަސައްކަތް ކުރައްވަމުންގެންދަވާ ސިރާޖް، އެންމެ ފުރަތަމަ ސަރުކާރާ ގުޅިވަޑައިގަތީ 2000 ވަނަ އަހަރު މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުގެ، ޑާޓާ އެންޓްރީ އޮފިސަރެއްގެ މަޤާމަށެވެ.

މަތީ ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު 2012 ވަނަ އަހަރު އަލުން ސަރުކާރާ ގުޅިވަޑައިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެންޓަރޕްރައިޒަސް އިވެލުއޭޝަން އެންޑް މޮނިޓަރިންގ ޑިވިޜަންގެ އެސިސްޓަންޓް ޑިރެކްޓަރެއްގެ މަޤާމު އަދާކުރެވުމަށްފަހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު އެކުލަވާލުމާއެކު 2022 އޭޕްރީލް 27 އާ ހަމައަށް އަދާކުރައްވަމުން ގެންދެވީ އެ ބޯޑުގެ ސެކެރެޓަރީ ޖެނެރަލްކަމުގެ މަޤާމެވެ. މި މަޤާމުގައި ހުންނެވި އިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޯޕަރޭޓް ގަވަރނަންސް ކޯޑު އެކުލަވާލުމުގެ އެއް މޭސްތިރިއަކީ ސިރާޖެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ޚަރުދަނާކުރުމަށް، ހިންގުމުގެ ޤަވާއިދުތައް އެކުލަވާލުމާއި، މާލީ ޖަވާބުދާރީވުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

މީގެ އިތުރުންވެސް ސިރާޖު ވަނީ ދަޢުލަތުގެ ތަފާތު ގިނަ އިދާރާތަކުގައި، ހިންގުމުގެ މަސްޢޫލިއްޔަތު އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަދި ހަޒާނާ މޯލްޑިވްސްގައި ބޯޑު މެންބަރެއްގެ ހައިސިއްޔަތުންވެސް މަސައްކަތް ކުރައްވާފައިވެއެވެ. ހުސްވަގުތު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގައި އެކި ކޮލެޖް ޔުނިވަރސިޓީ ތަކަށް ކިޔަވާދެއްވުމުގެ އިތުރުން ސިރާޖަކީ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކައުންސިލް މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.