ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ފުރާވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޔޫ.އޭ.އީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި، އެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޔޫއޭއީގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިދިޔަ ހުކުރު ދުވަހުއެވެ. އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.