އެމްޑީޕީގެ ޗެއާޕަރސަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ބޭއްވި އިންތިހާބުގައި ބޮޑު ފަރަގަކުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކާމިޔާބުކުރައްވައިފިއެވެ.
އެމްޑީޕީގެ ތާރީހުގައި ވެސް މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގައި ޗެއާޕަރސަންގެ މަގާމަށް ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލެވެ.
މި ވާދަވެރި އިންތިހާބުގައި ޖުމްލަ 94،211 މީހުންނަށް ވޯޓުލުމުގެ ހައްގު އިރު ފައްޔާޒް ކާމިޔާބު ކުރެއްވީ 8،000އެއްހާ ވޯޓުގެ ބޮޑު ތަފާތަކުންނެވެ. އެގޮތުން މިނިސްޓަރ ފައްޔާޒަށް 60% އިންސައްތަ ވޯޓު ލިބިފައިވެއެވެ. އެއީ 30،000އެއްހާ މީހުންގެ ވޯޓެވެ.
އިންތިހާބުގައި ޖުމްލަ 281 ވޯޓު ފޮށި ބެހެއްޓި އިރު 87 ވޯޓު ފޮށި ބެހެއްޓީ މާލޭގައެވެ.
އިންތިހާބުގައި ދެބޭފުޅުން ވާދަކުރެއްވި އިރު، ދެ ބޭފުޅުންގެ ކެމްޕޭންގެ ތެރެއިން ވެސް ޕާޓީގެ ދެ ފެކްޝަން ވަރަށް ސާފުކޮށް ފެނިގެން ދިޔައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއިދުކުރެއްވީ ފައްޔާޒަށެވެ. އަދި މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ތާއިދުކުރެއްވީ އިމްތިޔާޒަށެވެ.
މި އިންތިހާބާއި އެކު ޗެއާޕަރސަންގެ އިތުރުން އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިއްވަރުގެ އިންތިހާބުވެސް ބޭއްވި އިރު، ސަފާތު އާއި ވާދަކޮށް އަންހެނުންގެ ރޫހުގެ ރައީސްކަން ކާމިޔާބު ކުރީ މެމްބަރު ރޮޒައިނާ އާދަމްއެވެ. އަދި ޒުވާނުންގެ ހިއްވަރުގެ ރައީސަކަށް ރިފްގާ ޝިހާމް އައި ނައިބަކަށް އިންތިހާބުވީ މައިމޫން މުހައްމަދެވެ.