އެމްޑީޕީގެ ޗެއާޕަރސަން ހޮވަން ބާއްވާ އިންތިހާބުގެ ވޯޓު ގުނަން ފަށާފައިވާއިރު މިހާތަނަށް ގުނި ވޯޓު ފޮށިތަކުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ބޮޑުތަނުން ކުރި ހޯދައިފިއެވެ.
މިއަދު އޮތް މި އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ ހެނދުނު 9 ޖެހި އިރުއެވެ. ހަވީރު 4 އާ ހަމައަށް ކުރިއަށް ގެންދަން ނިންމި ވޯޓުލުން އިތުރު ވަގުތު ދިނުމަށް ފަހު ނިންމާލީ އިރު އޮއްސި 6 ޖެހި އިރުއެވެ.
ވޯޓު ފޮށިތަކުގެ ނަތީޖާ ގުނައި ވަކި ވަކި ފޮށިތައް އިއުލާންކުރަން ފަށާފައިވާއިރު މިހާތަނަށް ގުނި ފޮށިތަކުގެ ތެރެއިން މިނިސްޓަރ ފައްޔާޒަށް 15،000 އަށް ވުރެ ގިނަ ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އިމްތިޔާޒް ފަހުމީ އަށް ލިބިވަޑައިގެންނެވީ 9،000 ވޯޓެވެ.
އެ އިންތިހާބުގައި ޖުމްލަ 282 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު އޭގެ ތެރެއިން މާލޭގައި 87 ފޮށި ބަހައްޓާފައިވެއެވެ. މިހާތަނަށް ގުނަން ބާކީ 136 ފޮށި އެބަހުއްޓެވެ.
އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި 94،211 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ހުރިހާ މެންބަރުންނަށް ޗެއާޕާސަން ހޮވަން ވޯޓު ލެވޭނެއެވެ. އަދި އަންހެނުންގެ ރޫހަށް 41،027 މެންބަރުންނަށް ވޯޓުލެވޭއިރު، ޔޫތު ވިންގަށް 32،057 މެންބަރުންނަށް ވޯޓުލެވެއެވެ.