ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން އިންތިހާބު އެއް ވޯޓުގެ ތަފާތުން ޕީޕީއެމް އިން ކާމިޔާބުކޮށްފިއެވެ.
މި އިންތިހާބުގައި ވާދަކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާ އާއި، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އައިމިނަތު ޝީޒާ އެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ބެހެއްޓީ 6 ވޯޓު ފޮއްޓެވެ. އެ ހަ ފޮށީގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާއިރު، 359 ވޯޓާއި އެކު އިންތިހާބު ކާމިޔާބުކުރީ ޕީޕީއެމް އިންނެވެ. އެމްއެންޕީ އަށް ލިބުނީ 358 ވޯޓެވެ.
މި އިންތިހާބުގައި 2،900 މީހުންނަށް ވޯޓު ލެވޭ އިރު ވޯޓު ލާފައި ވަނީ 729 މީހުންނެވެ. އޭގެ ތެރެއިން 12 ވޯޓަކީ ބާތިލް ވޯޓެވެ.