ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ ރައީސް ނަޝީދު މިއަދު ހެއްދެވީ އިތުރުފުޅެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
މިއަދު ދިވެހި ޗެނަލް އަށް ދެއްވި އިންޓަވިއުގައި އެމަނިކުފާނު ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީ ކެންޑިޑޭޓުގެ ޓިކެޓަށް ވާދަ ނުކުރަން ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރީކޯ މޫސަ ކުރެއްވި ޓުވީޓުގައި ވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަ ދޮގުކޮށްފައެވެ. ރީކޯ ވިދާޅުވީ ރައީސް ސޯލިހާ ބައްދަލުވެ ވާހަކަދައްކާ ކޮންމެ ފަހަރަކު ވެސް އެމަނިކުފާނު 2023 ގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވާ ކަމަށެވެ.
ނަޝީދުމިއަދުހެއްދެވީ ދޮގެއް ރ އިބޫއާ ދެމީހުން ބައްދަލުވެ ވާކަ ނުދައްކާތާ އެތަށްދުވަހެއްވެއްޖެ، އަޅުގަނޑާ ބައްދަލުވެ ވާހަކަ ދައްކާ ކޮންމެފހަރަކު. ރައީސް ވިދާޅުވޭ ތިމަންނަ 2023 އަށް ކުރިމަތިލައްވާނަމޭ , ކުރިއަށްވަޑައގަންނަވާނީ އުސޫލާއެއްގޮތަށޭ pic.twitter.com/B9iR7ZH7w5
— Moosa Maniku (Reeko) (@ReekoMoosa) May 14, 2022
ރީކޯ މޫސަ މިހެން ވިދާޅުވި އިރު، ރައީސް ސޯލިހު ވެސް ވަނީ ރައީސް ނަޝީދުގެ އެވާހަކަ ދޮގުކުރައްވާފައެވެ. އެކަމާ ގުޅިގެން ސަންގު ޓީވީއަށް މައުލޫމާތު ދެއްވާ ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.
އަދި އެމްޑީޕީ ޕްރައިމަރީގައި ވަދަކުރުމާ ގުޅޭގޮތުން އެއްވެސް އިރެއްގައި ރައީސް ނަޝީދާ މަޝްވަރާ ކުރައްވާފައި ނުވާ ކަމަށާއި، އެމްޑީޕީ ޕްރައިމަރީ ނުވަތަ ރިޔާސީ ރޭސްގައި ވާދަ ނުކުރެއްވުމަށް އެއްވެސް އިރަކު ނިންމަވާފައި ނުވާ ކަމަށް އަދި އެހެން ވިދާޅުވެފައި ނުވާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ، ރައީސް ސޯލިހާއި އެމަނިކުފާނާ ދެ ބޭފުޅޫން ނޫން އެހެން ބޭފުޅުން ވެސް ރިޔާސީ ރޭހުގެ ތެރެއަށް ނިކުމެވަޑައިގެންނެވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރައީސް ސޯލިހް ނިކުމެވަޑައިގަންނަވާނެ ކަމަށް ލަފާ ނުކުރައްވާ ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނު އަމިއްލަފުޅަށް ނިކުމެވަޑައިގަންނަވާނެ ވާހަކަ ތަކުރާރުކޮށް ވިދާޅުވަމުންދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ މެންބަރުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ކުރިމަތިލައްވާނީ އެމްޑީޕީގެ ޕްރައިމަރީއަށް ކަމަށާއި، ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނީ އެމްޑީޕީގެ މެންބަރުން އެ ފުރުސަތު ދެއްވައިފި ނަމަ ކަމަށް ވެސް ރައީށް ނަޝީދު ވަނީ ވިދާޅުވެފައެވެ.