އެމްޑީޕީ އެތެރޭގެ އިންތިހާބަށް ވޯޓުލާން ކަނޑައަޅާފައިވާ ގަޑި ހަމަވިފަހުން ގަޑި އިތުރުކޮށްފިއެވެ.
އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނީ ވޯޓުލާން ކަނޑައަޅާފައިވާ ގަޑި އިތުރުކުރީ މިއަދު ހަވީރު 6:00 އަށް ކަމަށެވެ. އަދި ގަޑި އިތުރުކޮށްފައި ވަނީ މިއަދު ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުނުލެއް ލަސްވުމުގެ ސަބަބުން ކަމަށެވެ.
މި އިންތިހާބަކީ އެމްޑީޕީގެ ކުރިމަގު ބިނާކުރާ އިންތިހާބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އެ ޕާޓީގެ ދެ ފެކްޝަނުގެ ދެ ކެންޑިޑޭޓުންނެވެ. އެއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
މިއަދު 9:00 ގައި އިންތިހާބުތަކުގެ ވޯޓުލުން ފަށާފައިވާއިރު، ވޯޓުލުން ކުރިއަށްދާން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00ގެ ނިޔަލަށެވެ. މި އިންތިހާބުގައި ޖުމްލަ 281 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، ރާއްޖޭގެ 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަހައްދުގައި ވެސް 87 ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި 94،211 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ހުރިހާ މެންބަރުންނަށް ޗެއާޕާސަން ހޮވަން ވޯޓު ލެވޭނެއެވެ. އަދި އަންހެނުންގެ ރޫހަށް 41،027 މެންބަރުންނަށް ވޯޓުލެވޭއިރު، ޔޫތު ވިންގަށް 32،057 މެންބަރުންނަށް ވޯޓުލެވެއެވެ.