ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ރައީސް މުހައްމަދު ނަޝީދު އެކުގައި މަގުމަތީ އެއްވުމެއްގައި ބައިވެރިވެވަޑައިގެން -- ފޮޓޯ: ޖަޒީރާ

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރަން ނުނިންމަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި، ރައީސް ސޯލިހް އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ނުބެލެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ސަންގު ޓީވީއަށް މައުލޫމާތު ދެއްވާ ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.

އަދި އެމްޑީޕީ ޕްރައިމަރީގައި ވަދަކުރުމާ ގުޅޭގޮތުން އެއްވެސް އިރެއްގައި ރައީސް ނަޝީދާ މަޝްވަރާ ކުރައްވާފައި ނުވާ ކަމަށާއި، އެމްޑީޕީ ޕްރައިމަރީ ނުވަތަ ރިޔާސީ ރޭސްގައި ވާދަ ނުކުރެއްވުމަށް އެއްވެސް އިރަކު ނިންމަވާފައި ނުވާ ކަމަށް އަދި އެހެން ވިދާޅުވެފައި ނުވާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، ރައީސް ސޯލިހާއި އެމަނިކުފާނާ ދެ ބޭފުޅޫން ނޫން އެހެން ބޭފުޅުން ވެސް ރިޔާސީ ރޭހުގެ ތެރެއަށް ނިކުމެވަޑައިގެންނެވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރައީސް ސޯލިހް ނިކުމެވަޑައިގަންނަވާނެ ކަމަށް ލަފާ ނުކުރައްވާ ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނު އަމިއްލަފުޅަށް ނިކުމެވަޑައިގަންނަވާނެ ވާހަކަ ތަކުރާރުކޮށް ވިދާޅުވަމުންދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ މެންބަރުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ކުރިމަތިލައްވާނީ އެމްޑީޕީގެ ޕްރައިމަރީއަށް ކަމަށާއި، ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނީ އެމްޑީޕީގެ މެންބަރުން އެ ފުރުސަތު ދެއްވައިފި ނަމަ ކަމަށް ވެސް ރައީށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.