އެމްޑީޕީގެ އެތެރޭގެ އިންތިހާބު - ފ. ނިލަންދޫގައި ވޯޓު ކަރުދާސް ދެއްކި ކަމަށް ބުނާ ޝަކުވާއެއް ވަނީ ފެންމަތިވެފައި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާން ވަގުތު ކުޑަތަންވެފައިވާއިރު، ޗެއާޕާސަންކަމަށް ކުރިމަތިލާ ކެންޑިޑޭޓް އިމްތިޔާޒް ފަހުމީ (އިންތި)ގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށަހަޅައިފިއެވެ.

އިންތިގެ ތަރުޖަމާނު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ވޯޓުލުމުގެ ތެރެއިން ލިބިފައިވާ ޝަކުވާތައް އޭނާގެ ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ފ. ނިލަންދޫގައި ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުންދާ ކަމަށް ވިދާޅުވެ އޭނާ ވަނީ ވީޑިއޯއެއް ހިއްސާކުރައްވާފައެވެ.

ނިލަންދޫ ވޯޓުލާ މަރުކަޒުގައި ހިންގަމުންދާ ގަވައިދާ ހިލާފަށް ވީޑިއޯ ކުރި އިންތިގެ އޮބްޒާބަރު ގަދަކަމުން ނެރުމަށާއި، ނެރެވެންދެން ވޯޓުލުން ހުއްޓުވަން، ވާދަވެރި ކެންޑިޑޭޓްގެ އޮބްޒާވަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކު ވަދެ މަސައްކަތް ކުރާ ކަމަށް ބުނާ ވީޑިއޯއެއްވެސް ވައްޑޭ ވަނީ ހިއްސާ ކުރައްވާފައެވެ.

އަދި ވޯޓުލާ މަރުކަޒުގައި ހުރި އިންތިގެ ހަމައެކަނި އޮބްޒާވަރު ގަދަކަމުން ނެރެފައި، އިންތިގެ ފަރާތުން ދެކޮޅު ހަދަނިކޮށް، އެހެން މީހަކަށް އޮބްޒާވަރު ފާސްދީގެން ވޯޓުލުން ކުރިއަށް ގެންދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވައްޑޭ ވަނީ އިތުރު ރަށްތަކުގެ ވޯޓުލުމުގެ ތެރެއިން ލިބެމުންދާ ޝަކުވާތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން، ށ. ފޯކައިދޫ ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓް ނަންބަރު ދޭކަށް ވޯޓުލާ މީހުން އުފުލުމަށް އެރަށު ހެލްތް ސެންޓަރުގެ ވެހިކަލް ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ ލ. މާވަށުގައި ވޯޓުލާން ދިޔަ މީހަކަށް ދޫކުރި ކަރުދާހުގައި ކެންޑިޑޭޓް ނަންބަރު ދޭއްގައި ފާހަގަ ޖަހާފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި ރ. މަޑުއްވަރީ ދާއިރާއާއި ފުވައްމުލައް މެދު ދާއިރާގެ މާލޭގެ ވޯޓު ފޮއްޓަށް ޑަބަލް ވޯޓު ކަރުދާސް ދޫކޮށްގެން ވޯޓު އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގދ. ތިނަދޫ ދެކުނު ވޯޓު ފޮއްޓަށް ވޯޓުލީ މީހުންގެ އަދަދު ދިމާނުވުމުން ވޯޓު ކަރުދާހުގެ ސުމާރު ނަންބަރު ގޮވައިދޭން އެދުމުން އެކަން ނުކޮށްދީ ވޯޓުލުން ކުރިއަށް ގެންދާ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭ ވޯޓުލުން ޣާޒީ ސްކޫލުގައި ބޭއްވުމަށް ނިންމާފައިވަނިކޮށް، އެންގުމަކާނުލާ ކުއްލިއަކަށް މިއަދު ހެނދުނު ހުރަވީ ސްކޫލަށް ބަދަލުކޮށްފައިވާތީ ވަރަށް ގިނަ ޝަކުވާތައް ލިބެމުްނދާ ކަމަށް ވައްޑޭ ވިދާޅުވިއެވެ.

0
1
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *