ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޙް ޙަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވެޑައިގެންނެވުމުގެ ހިތާމާގައި ބައިވެރިވާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޔޫއޭއީއަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހް ޔޫއޭއީއަށް ވަޑައިގެންނެވުމަށް ނިންމެވީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި އެ އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ. އަދި އެމަނިކުފާނު ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
ރައީސް ސޯލިހް ވަނީ ޔޫއޭއީގެ ރައީސްގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވާފައެވެ. ޖެން މޯލްޑިވްސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޯލިހް ލިޔުއްވި ބަޔާނުގައި ޔޫއޭއީގެ ރައީސަކީ އެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމާ ތަރައްގީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިޝަނަރީ ލީޑަރެއްކަމަށެވެ. އަދި އެމަނިކުފާނުގެ ހިދުމަތްތަކަކީ ޔޫއޭއީގެ ރައްޔިތުން ހަނދުމަ އާކުރާނެ ހިދުމަތްތަކެއްކަން ފާހަގަކުރައްވާފައެވެ.
ޔޫއޭއީގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓްރީން ބުނީ ރައީސް އަވަހާރަވުމުގެ ހިތާމަ ރަސްމީކޮށް ފާޅު ކުރުމަށްޓައި އެގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ. އަދި ތިން ދުވަސް ވަންދެން ސަރުކާރު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ހިތާމާގައި ރާއްޖޭގެ ދިދަ ވެސް ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ސޯލިހް ވަނީ ނިންމަވާފައެވެ.