ރާއްޖެއަށް އައި ފަތުރުވެރިންތަކެއް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަ ލައްކައިން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރު ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހު 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 628،709 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރާއަޅާބަލާއިރު 47.1 ޕަސަންޓް އިތުރު އަދަދެކެވެ. މިއަހަރު ތެރޭގައި އެވަރެޖްކޮށް ދުވާލަކަށް ރާއްޖެ އަންނަނީ 4،799 ފަތުރުވެރިންނެވެ.

އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޔޫކޭ މާކެޓުންނެވެ. އެ މާކެޓުން މިއަހަރު މިހާތަނަށް 80،102 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 79،562 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ދެން އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާ، ޖާމަނީ، އިޓަލީ، އެމެރިކާ އަދި ފްރާންސެވެ. ހަމައެއާއެކު ސްވިޒަލެންޑް، ސައުދީ އަރަބިއާ އަދި އޮސްޓްރިއާއިން ވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުން ދެއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،180 ތަނަކަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަދީފައިވާއިރު އޭގެތެރެއިން މިހާރު ފަތުރުވެރިންނަށް ހިދުމަތްދެމުންދަނީ 973 ތަނަކުންނެވެ. އެއީ 164 ރިސޯޓާއި، 659 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 150 ސަފާރީއެވެ. އެތަންތަނުގައި ޖުމްލަ 54،846 ޓޫރިސްޓް އެނދު ހުރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.