އެމްޑީޕީގެ ޗެއާޕާސަން, އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ރައީސް މުހައްމަުދ ނަޝީދު ވޯޓުލައްވައިފިއެވެ.
މި އިންތިހާބުގައި ވޯޓުލައްވަން ދެ ރައީސުން ވަޑައިގެންނެވީ އެއްކޮށްހެނެވެ. ފޯރިގަދަވެފައިވާ މި އިންތިހާބަކީ އެމްޑީޕީގެ ކުރިމަގު ބިނާކުރާ އިންތިހާބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އެ ޕާޓީގެ ދެ ފެކްޝަނުގެ ދެ ކެންޑިޑޭޓުންނެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު، އެތެރޭގެ އިންތިޚާބު 2022 ގައި ވޯޓުލައްވައިފި#އެމްޑީޕީގެއެތެރޭގެއިންތިޚާބު2022 pic.twitter.com/L1pFuyKEyP
— MDP Secretariat (@MDPSecretariat) May 14, 2022
ޗެއާޕާސަން ކަމަށް މިފަހަރު ކުރިމަތިލާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
މިއަދު 9:00 ގައި އިންތިހާބުތަކުގެ ވޯޓުލުން ފަށާފައިވާއިރު، ވޯޓުލުން ކުރިއަށްދާން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00ގެ ނިޔަލަށެވެ. މި އިންތިހާބުގައި ޖުމްލަ 281 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، ރާއްޖޭގެ 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަހައްދުގައި ވެސް 87 ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި 94،211 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ހުރިހާ މެންބަރުންނަށް ޗެއާޕާސަން ހޮވަން ވޯޓު ލެވޭނެއެވެ. އަދި އަންހެނުންގެ ރޫހަށް 41،027 މެންބަރުންނަށް ވޯޓުލެވޭއިރު، ޔޫތު ވިންގަށް 32،057 މެންބަރުންނަށް ވޯޓުލެވެއެވެ.