މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
އެ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00ގައެވެ. އަދި ހަވީރު 4:00ގެ ނިޔަލަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކުރިން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ މި ބައި-އިލެކްޝަން މިމަހު 16 ވަނަ ދުވަހު ބާއްވާށެވެ. ނަމަވެސް އެއީ ހޯމަ ދުވަހަކަށް ވެފައި، ރަސްމީ ދުވަހެއް ކަމުން ރައްޔިތުންނަށް ވޯޓުލާން ދިއުމުގައި ދަތިކަމަށް ފެންނާތީ އެ އިންތިހާބު ވަނީ މިއަދަށް އަވަސްކޮށްފައެވެ.
މި އިންތިހާބު ބާއްވަނީ އެ ކޮމިޓީގެ މެމްބަރުކަން ކުރި އައިމިނަތު އީމާން، ނިޔާވުމާއި ގުޅިގެންނެވެ. މި ފަހަރުގެ އިންތިހާބުގައި ވާދަކުރަނީ އެމްއެންޕީ އާއި ޕީޕީއެމް އިންނެވެ. އެމްޑީޕީ އަށް ވާދަނުކުރެވުނީ މުއްދަތު ހަމަވި އިރު ވެސް ފޯމު ހުށަހަޅާފައި ނުވާތީއެވެ.
ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީ އިންތިހާބުގައި އެމްޑީޕީއަށް ވާދަނުކުރެވޭއިރު، މި އިންތިހާބު ބާއްވާ ދުވަހަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުވެސް ބާއްވާ ދުވަސްކަން ފާހަގަކޮށްލެވެއެވެ. .އެގޮތުން، އެ ޕާޓީގެ ޗެއާޕާސަން، އަންހެނުންގެ ރޫހު އަދި ޔޫތް ވިންގު އިންތިހާބު މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ.